މިދުވަސް ވަރު މީސް މީޑިޔާގެ ތެރޭގައި ވަކިން ޚާއްސަކޮށް ފޭސްބުކަށް ވަދެފިނަމަ އެންމެ އާންމުކޮށް ފެންނާނެ އެއް ސްޓޭޓަސް އަކީ ދިވެހި ކަނބަލުން ކޮންމެސް ޤައުމަކަށް ދާން އުޅޭ ވާހަކައެވެ. " އައިމް ގޮއިން ޓު.... ފޯރ... މަންތްސް" މި ސްޓޭޓަސް އިން ބަދަލުވަނީ އެމީހަކު ދާން އުޅޭ ޤައުމާއި އެޤައުމަކަށް ދާ މަހުގެ އަދަދެވެ. މި ސްޓޭޓަސް އެއް ޖެހުމާއެކު ގިނަ ބަޔެއްގެ ސަމާލުކަން މި ސްޓޭޓަސްތަކަށް ލިބިފައި ހުންނަ ތަން ފެނެއެވެ. ވާން މިއުޅެނީ ކީއްބާވައެވެ؟ ހަމަ އަސްލަށްވެސް ދަނީ ތޯވެސް ގިނަ ބަޔަކު ސުވާލު ކުރަމުން ދެއެވެ. މިކަމުގެ ހަޤީޤަތަކީ ކޮބައިބާ؟
ހަޤީޤަތަކީ ކޮންމެ އަހަރެއްގެވެސް ވަކި ދުވަސްވަރަކާ ދިމާކޮށް ކަނބަލުން މީގެ ސްޓޭޓަސް ތަކެއް ޖަހާކަމެވެ. ވަކި ކަމަކަށް މީހުން ހޭލުންތެރިކުރުވުމުގެ މަޤްސަދުގައި ޖަހަމުންދާ ސްޓޭޓަސް އަށް ކޮންމެ އަހަރަކުވެސް ގިނަ ބަޔެއްގެ ސަމާލުކަން ލިބެމުންދެއެވެ. ސްޓޭޓަސް ޖެހުމުގެ މައިގަނޑު އެއް ސަބަބަކީ ގިނަ ބަޔެއްގެ ސަމާލުކަން ހޯދާ އެކަމަށް މީހުން ހޭލުންތެރި ކުރުވުން ކަމަށް ވެދާނެއެވެ. މި ސްޓޭޓަސް އާ ގުޅޭ މެސެޖް ދައުރު ވަމުންދަނީވެސް ބޮޑަށް ކަނބަލުންގެ މެދުގައެވެ. ނަތީޖާއަކަށް ވެގެންދަނީ ކަނބަލުންގެ ސްޓޭޓަސް ތަކުން މި ފެނިގެން ދިޔުމެވެ. ވަކި ކަންކަމަށް މީހުން ހޭލުންތެރިކުރުވުމަށް ފޭސްބުކްގައި ތަފާތު އެކި ކަންކަން ކޮށްކޮށް އުޅެއެވެ. މިކަމަކީ މިގޮތުގެ މަތިން ކޮންމެ އަހަރަކުވެސް ކަނބަލުން ކުރަމުން އަންނަ ކަމެކެވެ.
އެއް ބަޔަކު މިކަމަށް ޖޯކުވެސް ޖަހައެވެ. ގިނަ ކަނބަލުންގެ ސްޓޭޓަސްގައި މިހެން ޖެހުމާއެކު ބައެއް ފިރިހެނުން އެއަށް ޖޯކު ޖެހުމުގެ ގޮތުން ތަނަކަށް ވަކި މުއްދަތަކަށް ދަނީ ކަމަށްބުނެ ސްޓޭޓަސް ޖަހައެވެ. ނަމަވެސް އެކަމަށް ކަނބަލުން މާބޮޑު ފަރުވާލެއް ނުބަހައްޓައެވެ. މީގެ ސްޓޭޓަސް ކޮންމެ އަހަރަކުވެސް ފޭސްބުކްގައި ޖަހާ އަންހެން ކަނބަލަކާ ސުވާލުކޮށްލުމުން ބުނީ މީގެ ސްޓޭޓަސް ޖަހަނީ ކޮންމެހެން މިކަމަށް ޖޯކު ނުޖަހާނެ ކަމަކަށް ނޫނެވެ. މިފަހަކަށް އައިސް ސްޓޭޓަސް ޖެހުމަށް ދައުރުކުރުވާ މެސެޖަށް ޖޯކު ޖަހާފައި ހުންނަތަން ފެންނަ ކަން ފާހަގަކޮށް އޭނާ ބުނީ މީހުން ޖޯކު ޖެހިއަސް ސްޓޭޓަސް ޖަހަނީ ކަމުގެ މުހިންމު ކަމުން އެކަމަށް މީހުން ހޭލުންތެރި ކުރުވުމަށް ކަމަށެވެ.
ސުވާލަކީ ކަނބަލުން މިއުޅެނީ ކޮން ކަމަކަށް މީހުން ހޭލުންތެރި ކުރުވުމަށްތޯއެވެ؟ ސްޓޭޓަސް އެއްގައި ވަކި ޤައުމަކަށް ވަކި މުއްދަތަކަށް ދާން ޖަހައިގެން ކަމަކާ މެދު މީހުންގެ މެދުގައި ހޭލުންތެރިކަން އުފެއްދޭ ތޯއެވެ؟ އެސުވާލުގެ ޖަވާބު ސީދާ ދޭކަށް އަޅުގަނޑަކަށް ނޭންގެއެވެ. އެކަމަކު އިނގޭ ކަމަކީ މީގެ ސްޓޭޓަސް ކަނބަލުން ޖަހަން ފެށުމާއެކު ކޮންމެ އަހަރަކުވެސް އެކަމަށް ސަމާލުކަން ލިބެމުންދާ ކަމެވެ. އެ ސަމާލުކަން ހޯދުމަކީ އެހޭލުންތެރިކަން އިތުރު ކުރުމަށް ކުރާ ކަމެއްކަމުގައި ވާނަމަ އެކަން އެބަ ރަނގަޅަށްވެސް ހާސިލްވެއެވެ.
މިކަމުގެ އަސްލާ ހަމައަށް ވާސިލްވާން އަދި ވަގުތު ނަގާނެއެވެ. ކަނބަލުން މިޖަހާ ސްޓޭޓަސް ތަކުގެ އަސްލު އަދި ކަނބަލުން ހާމަކުރާނެއެވެ. އެކަމަށް ޖެހޭނީ ކުޑަ އިންތިޒާރެއް ކޮށްލާށެވެ. އިންތިޒާރު ކުރަން ބޭނުން ނޫންނަމަ އެ ސުވާލު ކަނބަލުންނާ ސީދާ ކޮށްލައިގެން ޖަވާބު ލިބޭތޯ ބަލާލުންވެސް ރަނގަޅު ވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް