ގައުމަށް ހިދުމަތްކޮށްދިނުމުގައި ދެމިހުންނާނެ ކަމަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ބުނެފިއެވެ.
ގައުމީ ކޯޗު ޕީޓާ ސެގަޓްއާ ދެމެދު ޖެހުނު މައްސަލައެއްގެ ސަބަބުން މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ސްކޮޑުން ވަކި ކުރި ފަހުން، ދަގަނޑޭއަށް ގައުމީ ޓީމުން ފުރުސަތެއް ލިބިފައެއް ނުވެއެވެ. އޭގެ ކުރިން ދަގަނޑޭ ވަނީ ގިނަ އަހަރުތަކެއް ވަންދެން ގައުމީ ޓީމުގެ ކެޕްޓަންގެ ދައުރު އަދާކޮށްފައެވެ.
ސޯޝަލް މިޑިއާ މެދުވެރިކޮށް ދަގަނޑޭ ދިން މެސެޖެއްގައި ބުނީ އުންމީދަކީ ކުރިއަށް އޮތް ތަނުގައި ވެސް ގައުމީ ހިދުމަތުގައި ދެމިހުރުން ކަމަށާއި ގައުމަށް ހިދުމަތްކުރަން ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ކުރިއަށް އޮތް ތަނުގައި ވެސް ހެޔޮ ހިތުން އުފަލާއެކު ހިފާނެ ކަމަށެވެ.
"އުންމީދަކީ ކުރިއަށް އޮތް ތަނުގައި ވެސް މިގޮތުގައި ދެމިހުރުން. އަދި ގައުމަށް ހިދުމަތްކުރަން ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ކުރިއަށް އޮތް ތަނުގައި ވެސް އުފަލާއެކު ހިފާނަން. ހުރިހާ ސަޕޯޓަރުންނަށް ވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ." ދަގަނޑޭގެ މެސެޖުގައި ބުނެފައިވެއެވެ.
ދަގަނޑޭގެ ފުޓްބޯޅަ ކެރިޔަރުގައި ކުޅުނު ކޮންމެ ކްލަބެއްގައި ވެސް އޭނާ އަންނަނީ ތަފާތު ދައްކަމުންނެވެ. ދަގަނޑޭ ވަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް މިދިޔަ އަހަރުގެ މާލޭ ލީގު ކާމިޔާބުކޮށް، ޓީސީ ސްޕޯޓްސް ކްލަބާއެކު މިދިޔަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްފައެވެ. މިއަހަރު ދަގަނޑޭ ކުޅެމުންދަނީ ކްލަބު ގްރީން ސްޓްރީޓްސްއަށެވެ. އެ ކްލަބުގައި ވެސް ދަގަނޑޭ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް