ބެންކް އޮފް މޯލްޑިވްސް އިން އދ. ދަނގެތީގެ ހުރިހާ ގެޔަކަށް ތިމާވެއްޓާ ރައްޓެހި ކޮތަޅު ހަދިޔާކޮށްފިއެވެ.
ބީއެމްއެލް އިން ދަނގެތީގެ ހުރިހާ ގެޔަކަށް ތިމާވެއްޓާ ރައްޓެހި ކޮތަޅު ބަހާފައި ވަނީ، 'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' ގެ ދަށުން އެރަށުގައި އެއްފަހަރު ބޭނުން ކޮށްފައި އުކާލެވޭ ޕްލާސްޓިކް ކޮތަޅު މަދުކުރުމުގެ ގޮތުންނެވެ.
މިއީ ކޮމިއުނިޓީ ފަންޑުގެ ދަށުން އިފްތިތާހު ކުރެވިގެންދިޔަ ތިންވަނަ ޕްރޮޖެކްޓް ކަމަށްވާއިރު، މި ޕްރޮޖެކްޓް ރަސްމީކޮން އިފްތިތާހު ކުރުމުގެ ގޮތުން މިއަދު ވަނީ އެރަށުގެ ކޮންމެ ގެއަކަށާއި، މުއައްސަސާތަކަށާއި، ގެސްޓްހައުސްތައް ހިމެނޭ ގޮތަށް ތިމާވެއްޓާ ރަށްޓެހި ކޮތަޅު ހަދިޔާ ކުރަންފަށާފައެވެ. މީގެ އިތުރުން ޒީރޯ ވޭސްޓް އެމްވީ ގެ ފަރާތުން އެއްފަހަރު ބޭނުންކޮށް އުކާލެވޭ ޕްލާސްޓިކް ގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުމާއި ގުޅޭ ގޮތުން ދަނގެތި ސްކޫލު ކުދިންނަށް މައުލޫމާތުދިނުމުގެ ހަރަކާތެއްވެސް މިއަދު ހަވީރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ބީއެމްއެލް އިން ބުނީ، މި ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމު، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓް ތަކަށް މިއަހަރުގެ ކޮންމެ ކުއާޓަރ އެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ހަމަޖެހިގެން ހިންގޭ ޕްރޮގްރާމެއް ކަމަށެވެ.
" ތިމާވެށި ހިމާޔަތްކުރުމާއި އަދި ތިމާވެއްޓާ ރައްޓެހި އެކި ޕްރޮގްރާމްތައް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއްދެން. އަޅުގަނޑުމެންގެ އުއްމީދަކީ ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ހިންގޭ މި ޕްރޮގްރާމް ކާމިޔާބުކަމާއެކީ ކުރިއަށްގޮސް މިރަށަކީ ތިމާވެށްޓާ ރަށްޓެހި އާދަކާދަ ދިރުވައި އާލާކުރާނެ، ނަމޫނާ ރަށަކަށް ވެގެން ދިޔުން." ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.
މުޖުތަމައަށް އެހީތެރިވުމަށް ބޭންކުން ހިންގާ ޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމާއި ކުޅިވަރާއި އަދި ތިމާވެށީގެ ހަރަކާތްތަކުގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކާއެކު ޖުމްލަ 110 ޕްރޮޖެކްޓަކަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް