އެކަށީގެންވާ އާމްދަނީއެއް ނުލިބޭ ކަމަށް ބުނެ، ޑްރައިވަރުން ބޭނުންވަނީ ހުޅުލެ ދަތުރެއް ލަގެޖާއި އެކީ 120 ރުފިޔާ އަށް އަދި ހުޅުމާލެ ދަތުރެއް 150 އަށް ކުރާށެވެ.
ޑްރައިވަރުންގެ އެސޯސިއޭޝަނުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ، ޓްރާންސްޕޯޓް މިނިސްޓްރީން މިދިޔަ ހަފުތާގައި ނެރުނު އިއުލާނުގައިވާ އަގުތަކަކީ، އެފަރާތްތަކުގެ އާމްދަނީއަށާއި ދިރިއުޅުމަށް ދަތިވާނެވަރުގެ ކުޑަ އަގުތަކެއް ކަމުގައެވެ. އަދި އެއަގުތައް ހެދިފައި ވަނީ ޑްރައިވަރުންނާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ކަމަށް ވެސް އެ ސިޓީގައި ވެއެވެ.
އެ ސިޓީގައި އިތުރަށް ވަނީ، މިނިސްޓްރީން ނެރުނު އަގުތައް ޓެކްސީ ސެންޓަރުތަކުން ބަލައިނުގަންނަ ކަމަށާއި، އެ އަގުތަކަށް ދަތުރު ނުކޮށްދޭނެ ކަމަށެވެ. އަދި ޑްރައިވަރުންގެ އެސޯސިއޭޝަނުން ވަކި އަގުތަކެއް ކަނޑައަޅާފައިވާ ކަމަށާއި، މި އަގުތަކުގެ އިތުރަށް ލަގެޖަށް ކުރިން ނަގަމުން ދިޔަ އަދަދު ނަގާނެ ކަމަށެވެ. މީގެ އިތުރުން، ވެއިޓިންގ ޗާޖްގެ ގޮތުގައި ކޮންމެ ފަސް މިނެޓަކަށް 4 ރުފިޔާގެ ރޭޓުން ޗާޖް ކުރާނެ ކަމަށެވެ.
ޑްރައިވަރުންގެ އެސޯސިއޭޝަނުން ކަނޑައަޅާފައިވާ އަގުތައް:
- މާލެ ސަރަހައްދުގެ ދަތުރެއްގެ އަގު 30ރ.
- އެއާޕޯޓު ދަތުރެއްގެ އަގު 100ރ. (ލަގެޖާ އެކީ 120 ރުފިޔާ)
- ހުޅުމާލެ- ފޭސް 1 އަށް 120 ރުފިޔާ
- ހުޅުމާލެ- ފޭސް 2 އަށް 150 ރުފިޔާ
މި އަގުތަށް ކަނޑައަޅައިފައި ވަނީ ޓެކްސީ ޑްރައިވަރުންނަކީ އެތައް ޚަރަދުތަކެއް ކުރަން ޖެހޭ ބަޔަކަށް ވާތީ ކަމަށް ޑްރައިވަރުން މިނިސްޓަރަށް ފޮނުވި ސިޓީގައި ވެއެވެ. ޓެކްސީ ސެންޓަރުތަކުން ރައްޔިތުންނަށް ރަގަޅު ފެންވަރުގެ ޚިދުމަތެއް ދެމުން އަންނަކަންވެސް މި ސިޓީގައި ފާހަގަކޮށްފައި ވެއެވެ.
މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތައް:
- މާލެ- ހުޅުލެ ދަތުރެއްގެ އަގު -/60 ރުފިޔާ
- ހުޅުލެ – މާލެ ދަތުރެއްގެ އަގު -/60 ރުފިޔާ
- ހުޅުމާލެ – ހުޅުލެ ދަތުރެއްގެ އަގު -/60 ރުފިޔާ
- ހުޅުލެ – ހުޅުމާލެ ދަތުރެއްގެ އަގު -/60 ރުފިޔާ
- މާލެ- ހުޅުމާލެ ދަތުރެއްގެ އަގު -/75 ރުފިޔާ
- ހުޅުމާލެ – މާލެ ދަތުރެއްގެ އަގު -/75 ރުފިޔާ
މި އުސޫލުގެ ދަށުން އަންނަ ބުދަ ދުވަހުން ފެށިގެން އަމަލު ކުރަން މަޖުބޫރު ކަމަށް ޓްރާންސްޕޯޓުން ވަނީ ބުނެފައެވެ. ޓްރާންސްޕޯޓުން ބުނީ، އުސޫލު އެކުލަވާލީ ޓެކްސީ ސެންޓަރުތަކާއި ޓެކްސީ ޑްރައިވަރުން އަދި އާންމު ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށްފަހު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް