ސިޔާސީ ދާއިރާގައި އިދިކޮޅު ކޯލީޝަނުން މި ފަހަކަށް އައިސް އެންމެ ގަދައަށް ދައްކާ އެއް ވާހަކަ އަކީ ސަރުކާރު އޮފީސް ތަކާއި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކޮށްގެ ރީ ރަޖިސްޓްރޭޝަން ފޯމު ފުރުވަނީ ވޯޓުގައި ރައީސް ޔާމީން މަކަރު ހެދުމަށް ކަމަށެވެ.
އޮފީސް ތަކާއި ކުންފުނި ތަކުން ރަޖިސްޓްރީ ކުރާއިރު އަސްލު ސްލިޕް ހޯދުމަށާއި ރީ ރަޖިސްޓްރީ ވެފައިވޭތޯ އަމިއްލަފުޅަށް ޗެކު ކުރެއްވުމަށް އިދިކޮޅު ކޯލީޝަނުން އަންނަނީ ބުނަމުންނެވެ.
މިކަން މި ހެން ހިނގަމުން އަންނައިރު އުފެދޭ ވަރަށް ބޮޑު ސުވާލެއް އެބަ އޮތެވެ.
އެއީ ކުންފުނިތަކާއި އޮފީސް ތަކުން ރީ ރަޖިސްޓްރޭޝަން ފޯމު ފުރުވައިގެން ވޯޓަށް ނުފޫޒު ފޯރުވިދާނެތޯ ނުވަތަ މަކަރު ހެދިދާނެކަމާއިމެދު އުފެދޭ ސުވާލެވެ.
މި ސުވާލަށް ޖަވާބު ލިބެނީ އެމެރިކާގެ ރައީސް ކަމަށް ޑޮނާލްޑް ޓްރަމްޕް ގެނައުމުގައި ކެމްބްރިޖް އެނަލެޓިކާ ނަމަކަށް ކިޔާ ޑާޓާ މައިނިން ކޮންސަލްޓިން ފާމަކުން ކުޅުނުކަމަށް ބުނާ ރޯލުންނެވެ.
ދަ ކޭމްބްރިޖް އެނަލެޓިކާ ސްކޭންޑަލްގެ ނަމުން މަޝްހޫރުވެފައިވާ މި ސްކޭންޑަލް ފެށުނު ހިސާބަކީ އެލްކްސެންޑްރާ ކޯގަން ނަމަކަށްކިޔާ ޕްރޮސެރަކު ފޭސްބުކްގައި އުފެއްދި އެޕްލިކޭޝަނެއް މެދުވެރިކޮށް އެއްކުރި އެތައް މިލިޔަން ފޭސްބުކް ޔޫޒާ ޑާޓާ ކެމްބްރިޖް އެނަލެޓިކާ އަށް ވިއްކާލި ހިސާބެވެ. އެ ޑާޓާތަކުގައި އެތައް މިލިޔަން ޔޫޒާއެއްގެ ލައިކްސް، ކޮމެންޓްސް ފަދަ ޕާސަނަލް މައުލޫމާތު ހިމެނެ އެވެ.
ކޭމްބްރިޖް އެނަލެޓިކާއިން ކޮމްޕިއުޓަރ އަލްގޮރިދަމްސް ތަކެއް ބޭނުންކޮށް ވަކި ވަކި ފަރުދުންގެ ލައިކްސް ޑިސްލައިކްސް ކޮމެންޓްސްތަކުން އެ ވަކި ވަކި ފަރުދުންގެ ފިކުރު ނުވަތަ ދެން އަންނަ ވެރިކަމެއްގައި ކޮށްދޭން އެދޭ ކަންތަކާއި އެފަދަ އެތައް މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ޓްރަމްޕްގެ ކެމްޕޭނު އެޑްތައް "ހައިލީ އެޑްވާންސްޑް ޓާގެޓެޑް އެޑްސް" ތަކެއްގެ ގޮތުގައި ދައުރުކުރި އެވެ.
ކެމްބްރިޖް އެނަލެޓިކާގެ އެ ސްކޭމް ފަޅާ އަރުވާލީ އެ ކުންފުނީގައި އެނަލިސްޓެއްގެ ވަޒީފާ އަދާކުރި ކްރިސްޓޮފަރ ވައިލީ ނަމަކަށް ކިޔާ މީހެކެވެ. ޑާޓާ މައިނިންގެ އެ މައްސަލައިގާ ފޭސްބުކްގެ ބާނީ މާކް ޒަކަބާގް އެމެރިކާގެ ކޮންގްރެސް އަށް ހާޒިރު ކުރެވި ޖަވާބުދާރީ ކުރެވުނެވެ.
https://www.youtube.com/watch?v=olysFQkYkCA
ދެން އުފެދޭ ސުވާލަކީ ރާއްޖޭގައި މިފަދަ ޑޭޓާ މައިނިން ކަމެއް ހިންގައިގެން ވޯޓު އޮޅުވާލެވިދާނެތޯ ނުވަތަ ވޯޓުގައި މަކަރު ހެދިދާނެތޯ އުފެދޭ ސުވާލެވެ.
ސަރުކާރުގެ އޮފީސް ތަކާއި ކުންފުނިތަކުގެ ސާވާ މެދުވެރިކޮށް އެ ކުންފުންޏެއްގެ ނުވަތަ އެ އޮފީހެއްގެ މުވައްޒަފުންގެ ޑާޓާ މައިން ކުރެވިދާނެ އެވެ. ޑާޓާ މައިނިންންގ ބޮޑެތި ކުންފުނިތައް ދުނިޔޭގައި އެބަހުއްޓެވެ. އެއީ ބައެއް ގައުމުތަކުގައި ހުއްދަ ވިޔަފާރިއެއްވެސް މެ އެވެ.
އެހެންކަމަށްވާނަމަ އޮފީސް ނުވަތަ ކުންފުނިތަކުގައި މުވައްޒަފުންގެ ޑާޓާ މައިންކޮށް އެ ޑާޓާ ވަކި އަލްގޮރިދަމްތަކެއްގައި އެނަލައިޒްކޮށް ސަރުކާރަށް ތާއީދު ކުރަނީ ކޮން މުވައްޒަފުންނެއްކަން ދެނެގަނެވޭނެ އެވެ. އަދި ތާއީދު ނުކުރަނީ ކޮން މުވައްޒަފުންނެއްކަންވެސް ދެނެގަނެވޭނެ އެވެ.
އިދިކޮޅު ފަރާތްތަކުންވެސް ކުރާ އެއް ތުހުމަތަކީ އެއީ އެވެ. ބައެއް ފޯމުތައް އެކި ދިމަދިމާއަށް ރަޖިސްޓްރީ ކޮށްފާނެ ކަމާއި އަދި ބައެއް ފޯމުތައް ރީ ރަޖިސްޓްރޭޝަނަށް ހުށަނާޅަފާނެ ކަމަށް ބުނާ ބުނުމެވެ.
އެހެންކަމުން ޑާޓާ މައިނިންފަދަ ޓެކްނޮލޮޖީތައް ވުޖޫދުގައިވާ ޒަމާނެއްގައި އޮފީސް ކުންފުނިތަކުން ރީ ރަޖިސްޓްރި ކުރުމާއި އެކަމަށް މަޖުބޫރު ކުރުވާ ފަދަ ކަންކަން ކުރާނަމަ އެކަމަށް ވިސްނައިލަން ޖެހެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް