އިންޒާރާ ގުޅޭ ފޭސްބުކު ޕޯސްޓާ ގުޅިގެން ޑިފެންސް މިނިސްޓަރ 241 ކޮމެޓީއަށް ހާޒިރުކޮށްދޭން އެދިއްޖެ

ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ، އެމަނިކުފާނުގެ ފޭސްބުކު ޕޭޖްގައި ކުރިޔަށް އޮތް ދުވަސްތަކުގައި ޤައުމު ހަލަބޮލިކޮށް، ޤައުމުގެ އަމާން އަމާންކަން ނަގާލުމަށް ބަޔަކު ރާވަމުންދާކަމުގެ މައުލޫމާތު ލި...

06 Aug 2018 | 07:25

ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ، އެމަނިކުފާނުގެ ފޭސްބުކު ޕޭޖްގައި ކުރިޔަށް އޮތް ދުވަސްތަކުގައި ޤައުމު ހަލަބޮލިކޮށް، ޤައުމުގެ އަމާން އަމާންކަން ނަގާލުމަށް ބަޔަކު ރާވަމުންދާކަމުގެ މައުލޫމާތު ލިބެމުންދާކަމަށާއި އެކަން އެމް.އެން.ޑީ.އެފް އާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ގާތުން ބަލަމުންދާކަމަށް ވިދާޅުވެ ކުރައްވާފައިވާ ޕޯސްޓާ ގުޅިގެން ޑިފެންސް މިނިސްޓަރ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީ (241) އަށް ހާޒިރުކޮށްދިނުމަށް އިދިކޮޅު މެމްބަރުން އެދިއްޖެއެވެ.

ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީގެ މުޤައްރިރު ކެނދިކުޅުދޫ ދާއިރާގެ މެމްބަރ އަލީ މައުރޫފަށް އެޑްރެސްކޮށް މިކަމާގުޅޭގޮތުން ފޮނުއްވާފައިވާ ސިޓީ ، ގަލޮޅު އުތުރު ދާއިރާގެ މެމްބަރ އީވާ އަބްދުﷲ ވަނީ ކުރެއްވި ޓްވީޓަކާއެކު އާންމުކުރައްވާފައެވެ. އިދިކޮޅު ހަތަރު މެމްބަރުންކަމަށްވާ ގަލޮޅު އުތުރު ދާއިރާގެ މެމްބަރ އީވާ އަބްދުﷲ އާއި މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރ މާރިޔާ އަހުމަދު ދީދީ އާއި މަކުނުދޫ ދާއިރާގެ މެމްބަރ އަނާރާ ނައީމް އަދި ހިތަދޫ މެދު ދާއިރާގެ މެމްބަރ އިބްރާހީމް މުހައްމަދު ދީދީ ސޮއިކުރައްވާފައިވާ މިސިޓީގައި ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީއެއް ބާއްވައިދެއްވުމަށް ވަނީ ކޮމެޓީގެ މުޤައްރިރަށް ދަންނަވާފައެވެ.

މިސިޓީގައި ފާހަގަކޮށްފައިވަނީ ، ދިވެހިރާއްޖޭގެ އަމަން އަމާންކަން ނަގާލުމަށް ބަޔަކު ރާވަމުންދާކަމުގެ މަޢުލޫމާތު ލިބިވަޑައިގަތުމުން ޑިފެންސް މިނިސްޓަރަކަށް ހުންނަވާ ބޭފުޅަކު ، އެވާހަކަ އެބޭފުޅާގެ ފޭސްބުކް ޕޭޖްގައި ލިޔުއްވުމަކީ ޒިންމާދާރުކަން ކުޑަކަމެއް ކަމުގައި ދެކޭކަމުގައެވެ. ދިވެހިރާއްޖޭގައި އުޅޭ އެންމެހާ މީހުންނަށް ސުލްހަވެރިކަމާއި ، އަމާންކަމާއި، މިނިވަންކަމައެކު އުޅެވޭނެ މަގު ފަހިކޮށްދިނުމަކީ ޑިފެންސް މިނިސްޓަރުގެ މައްޗަށް ލާޒިމްކަމަކަށް ވާ ހިނދު ، އަދި ސިފައިންގެ ޤާނޫނުގެ 10 ވަނަ މާއްދާގެ ބ އިން ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރ ޖަވާބުދާރީ ވާންވާނެކަމަށް ބަޔާން ކޮށްފައިވާ ވީ ހިނދު މިފަދަ ޒިންމާދާރުކަން ކުޑައަމަލެއް މިނިސްޓަރ ކުރައްވާފައިވާތީ ، މަޖިލީހުގެ ޤަވާއިދުގެ 123 ވަނަ މާއްދާގެ ދަށުން ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީއަށް މިނިސްޓަރ ހާޒިރުކޮށް، ކޮމެޓީގެ ބައްދަލުވުމެއް ބާއްވައިދިނުމަށް އެދޭކަމަށް މިސިޓީގައި ވެއެވެ.

ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޤައުމަށް ނުރައްކަލެއްވެދާނެ ކަމަށް ވިދާޅުވެ ފޭސްބުކްގައި ލިޔުއްވި ޕޯސްޓުގެ އިތުރަށް ރަސްމީ ފަރާތަކުން އަދި މިހާތަނަށް މިކަމާ ގުޅިގެން އެއްޗެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް