ހިޔާގެ މަޝްރޫއުގެ އެއް ކޮޓަރީގެ ފްލެޓުތަކުގެ މަސައްކަތް ފަށާފައެއް ނުވޭ: މިނިސްޓަރު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފެށި ހިޔާ މަޝްރޫއުގެ ދަށުން ދޫކުރަން ހަމަޖެހިފައިވާ އެއް ކޮޓަރީގެ ފްލެޓުތަކުގެ މަސައްކަތް ފަށާފައި ނުވާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅ...

06 Jul 2020 | 07:02

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފެށި ހިޔާ މަޝްރޫއުގެ ދަށުން ދޫކުރަން ހަމަޖެހިފައިވާ އެއް ކޮޓަރީގެ ފްލެޓުތަކުގެ މަސައްކަތް ފަށާފައި ނުވާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އެއް ކޮޓަރީގެ ފްލެޓުތައް ހަދަން ފަށާފައި ނުވާއިރު މިދިޔަ ސަރުކާރުން ވަނީ އެ ފްލެޓުތައް ލިބޭ މީހުންގެ ލިސްޓު އާންމުކޮށް ގިނަ ބަޔަކަށް ފްލެޓު ލިބޭނެ ކަމުގެ ލިޔުން ހަވާލުކޮށްފައިވެ އެވެ. އެމީހުން އުންމީދުކޮށްގެން ތިބީ ހިޔާ މަޝްރޫއުގެ ތެރެއިން ދޫކުރަން ތައްޔާރުވަމުންދާ ފްލެޓުތަކުގެ ތެރޭގައި އެއްކޮތަރީގެ ފްލެޓުތައް ހިމެނޭނެ ކަމަށެވެ.

މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ އެއް ކޮޓަރީގެ ފްލެޓުތައް ލިބޭ މީހުންގެ ލިސްޓުތައް ހާމަ ކުރި ނަމަވެސް އެ ފްލެޓުތަކުގެ މަސައްކަތް މިދިޔަ ސަރުކާރުން ފަށާފައި ނުވާ ކަމަށެވެ. އެއް ކޮޓަރީގެ ފްލެޓުތައް ލިބޭ އެކި ކެޓަގަރީތައް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ ތެރޭގައި 18-40 އަހަރާ ދެމެދުގެ އުމުރު ފުރާ އާއި މާލެ ރަށްވެހިންނާއި، ދަފުތަރުގައި ތިބި މީހުންނާއި އަލަތު ކައިވެނި ކުރާ ފަރާތްތައް އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭން އިއުލާން ކުރި އެއް ކޮޓަރީގެ ފްލެޓްތަކުގެ މަސައްކަތް ފަށާފައި ނުވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ހިޔާ މަޝްރޫއުގެ ދަށުން މިހާރު ހަދަމުންދާ 6،720 ފްލެޓަކީ ދެ ކޮޓަރީގެ ފްލެޓުތައް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ ފްލެޓުތަކުގެ މަސައްކަތް ނިންމައި ފްލެޓުތަކުގެ ހައްގުވެރިންނަށް ހަވާލު ކުރަން އަދިވެސް އަށް މަސްވަރު ނަގާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު އެ ފްލެޓުތަކުގައި ކުރަމުންދަނީ ފްލެޓުތަކަށް ކަރަންޓާއި ފެން ލުމުގެ އިތުރުން މީޓަރު ހަރުކުރުމާއި ތަޅުން އެޅުން ފަދަ ކަންކަމެވެ. މި ފްލެޓުތަކުގެ މަސައްކަތް ނިންމީ ފްލެޓުތައް ލިބޭ ފަރާތްތަކާއި ހަވާލު ކުރާއިރު ފްލެޓްތަކުގެ އެތެރޭގެ ޓައިލްސްޖެހުމާއި އިންޓްރީއާ ދޮރު ހަރުކުރުމާއި ފަންކާ، ބޮކި، އަދި ކުލަލުން އަދި ފާހާނާގައި އެއްކޮށް ޓައިލްސް ޖެހުން ނުހިމެނޭނެ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ ފްލެޓުތަކަށް މީހުން ވެއްދޭނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކަރަންޓާއި ފެނުގެ ނިޒާމް ގާއިމް ކުރެވުމުން ކަމަށެވެ. އެކަން ހާވަލުކޮށްފައިވާ ކުންފުނިން އެޗްޑީސީއަށް އަންގާފައިވާ ގޮތުގައި އަދި އެ މަސައްކަތަށް އަށް މަސްދުވަސް ނަގާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް