ދެކުނަށް ދަތުރު ކުރި ދެ ދޯންޏެއް މ. އަތޮޅަށް ފަރަށް އަރައިފި

ދެކުނުގެ ދެ އަތޮޅަކަށް ދަތުރު ކުރަމުން ދިޔަ ދެ ދޯންޏެއް މ. އަތޮޅުގެ ދެ ފަރަކަށް އަރައިފި އެވެ. އެމްއެންޑީއެފުން ބުނީ މީގެ ތެރެއިން ފުރަތަމަ ހާދިސާގެ ރިޕޯޓު ކުރީ ރޭ ފަތިހު 4:00 ހާއިރު ކަމަށެވެ. "ލިޓަސް...

06 Jul 2018 | 11:23

ދެކުނުގެ ދެ އަތޮޅަކަށް ދަތުރު ކުރަމުން ދިޔަ ދެ ދޯންޏެއް މ. އަތޮޅުގެ ދެ ފަރަކަށް އަރައިފި އެވެ.

އެމްއެންޑީއެފުން ބުނީ މީގެ ތެރެއިން ފުރަތަމަ ހާދިސާގެ ރިޕޯޓު ކުރީ ރޭ ފަތިހު 4:00 ހާއިރު ކަމަށެވެ. "ލިޓަސް ކެރިއާ" ކިޔާ މުދާ އުފުލާ އެ ދޯނި ދަތުރު ކުރަމުން ދިޔައީ މާލެއިން ފުރައިގެން އައްޑޫ ސިޓީ އަށެވެ. އެ ދޯނި އަރާފައިވަނީ މ. ތުވަރުގެ ދެކުނު ފަރާތު ފަރަށެވެ.

ދޯނި ފަރަށް އެރި އިރު އޭގައި ހަ ދިވެހިންނާއި ހަތަރު ބިދޭސީން ތިއްބެވެ. އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފުން ފޮނުވީ އެ އަތޮޅުގައި ބޭނުން ކުރާ ސީއެމްބިއުލާންސެވެ.

މި ދޯނީގެ ވެރިފަރާތުން އެސަރަހަދަށް ފޮނުވި ދެ އުޅަނދެއްގެ އެހީގައި ދިޔަވަރު ބޮޑުވުމުން އެ ދޯނި ކަފުޖެހުމަށްޓަކައި މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

ދެވަނަ ހާދިސާގައި ލ. މާމެންދޫއަށް ދަތުރު ކުރަމުން ދިޔަ ދޯނި އަރާފައިވަނީ މ. މުލަކުގެ ހުޅަނގުން އަށް ނޯޓިކަލް މޭލު ދުރުގައި އޮތް އަތޮޅު ތެރޭގެ ފަރަކަށެވެ. "ފްރެޝް 6" ނަމަކަށް ކިޔާ އެ ދޯނި ދަތުރު ކުރަމުން ދިޔައީ ވިލިމާލެ އިން ފުރައިގެން ހިލަޔާއި ހިލަވެލި ބަރުކޮށްގެންނެވެ.

އެ ދޯނީގައި ދިވެއްސަކާއި ދެ ބިދޭސީން ތިބި އިރު ދޯނި ފުން ކުރުމުގައި އެމްއެންޑީއެފްގެ ޑައިވަރުން ދަނީ ހަރަކާތްތެރިވަމުންނެވެ.

މި ދެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް