އިންޑިއާގައި އާއިލާގެ 11 މީހުން މަރުވުމުގައި ގޯސް ހެދީ "ފެންތަށި"

ވެރިރަށް ނިއުދިއްލީގެ އުތުރުގެ ބުރާރީ ކިޔާ ސަރަހައްދެއްގައި ދިރިއުޅުނު އެއް އާއިލާއެއްގެ 11 މީހުން ގޭތެރޭގައި މަރުވެފައި ތިއްބަ ފެނުނު ހަބަރަކީ މިދިޔަ އާދިއްތަ ދުވަހު އިންޑިއާ ސިއްސުވާލު ހަބަރެކެވެ. އ...

06 Jul 2018 | 10:21

ވެރިރަށް ނިއުދިއްލީގެ އުތުރުގެ ބުރާރީ ކިޔާ ސަރަހައްދެއްގައި ދިރިއުޅުނު އެއް އާއިލާއެއްގެ 11 މީހުން ގޭތެރޭގައި މަރުވެފައި ތިއްބަ ފެނުނު ހަބަރަކީ މިދިޔަ އާދިއްތަ ދުވަހު އިންޑިއާ ސިއްސުވާލު ހަބަރެކެވެ.

އޭގެ ތެރެއިން 10 މީހުން ތިބީ ކަނުބަނދެ، ދެއަތް ފުރަގަހަށް އައްސައި، ސީލީނގުގައި އައްސާފަ އެވެ. އެ ގޭގެ އެންމެ ދުވަސްވީ މާމަ މަރުވެފައި އޮތީ ބިންމަތީގައި އެވެ. ފުލުހުން ބުނެފައިވަނީ އެމީހުން މަރުވެފައިވަނީ އަމިއްލައަށްކަން ޕޯސްޓްމޯޓަމް ރިޕޯޓުތަކުން ހާމަވާ ކަމަށެވެ. އެމީހުން ދަންޖެހިގެން މަރުވެފައި ތިއްބަ ފެނިފައިވަނީ އެގޭ ތެރޭގައި ހިންގާ ފިހާރަ ނުހުޅުވައިގެން އަވައްޓެރިއަކު ގޮސް ކުޑަދޮރުން ބެލި އިރު އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެމީހުން މަރުވި ދުވަހުވެސް ފުލުހުންނަށް ވަނީ އެމީހުންގެ މުސްތަގުބަލު ބާއްޖަވެރިކޮށް ފޯރާ ދިރިއުޅުމެއް އުޅުމަށާއި، މަރުވުމުން ސީދާ އެމީހުން އަޅުކަން ކުރާ ކަލާނގެ ކައިރިއަށް ދެވޭނެ މަގު ހޯދުމަށް ސިހުރު ހަދާފައިވާ ކަމުގެ ލިޔުންތަކެއް ފެނިފަ އެވެ. އިއްޔެ ވަނީ މާ ތަފްސީލް ކޮށް ހުރި ލިޔުންތަކެއް ފެނިފަ އެވެ. އެގޮތުން އެމީހުންގެ ދިރިއުޅުމުގައި ހިނގަމުންދާ ކަންކަމާއި ގުޅޭގޮތުން ލިޔެފައިވާ 11 ޑައިރީ ފެނިފައިވެ އެވެ.

އެ 11 ޑައިރީގައި މިދިޔަ 11 އަހަރު ހިނގާފައިވާ ކަންކަން ލިޔެފައިވާ ކަމަށްވެ އެވެ. އަދި ކުރިން މަރުވެފައިވާ އެގޭ ކުދިންގެ ބައްޕަ މަރުވުމުގެ ކުރިން ލިޔެފައިވާ ވާހަކަތައްވެސް އެ ފޮތްތަކުގައި ހުރި ކަމަށްވެ އެވެ. އެ އާއިލާއިން މަރުވުމާއި ހަމައަށް އައީ އެ ވާހަކަތައް ގަބޫލު ކުރަމުންނެވެ.

އެ ޑައިރީތަކުގައި ވާގޮތުން އެމީހުން ގަބޫލު ކޮށްގެން ތިބީ އެރޭ ދަންޖެހިފައި ތިބިތާ ކައިރީގައި ބަހައްޓާފައި ހުރި ފެންތައްޓަކަށް ނޫކުލަ އަރަން ވާއިރަށް މަރުވެފައިވާ ބައްޕަގެ ރޫހު އައިސް އެމީހުން ސަލާމަތް ކުރާނެ ކަމަށެވެ. އެމީހުން ޑައިރީގައި ލިޔެފައިވާ ގޮތުގައި އެމީހުން ދަން ޖެހެނީ މަރުވާކަށް ނޫނެވެ.

އެކަމަކު ކަން ވީ އެހެނެއް ނޫނެވެ. އެމީހުން ކަރަށް ބާރުވެ ހުރިހާ އެންމެންވެސް މަރުވެފައިވަނީ ގާތްގަނޑަކަށް މެންދަމު 1:00 ހާއިރު އެވެ.

އެ އާއިލާއިން އެރޭ ދަންޖެހުމުގެ ތައްޔާރީތައް ވަރަށް ފޯރިއާއި އެކު ކުރަމުންދާ ސީސީޓީވީ ފުޓޭޖު ތަކެއް ވަނީ އާންމުކޮށްފައި އެވެ. އެ ސަރަހައްދުގެ އެކި ހިސާބުތަކުގައި ހުރި ކެމެރާތަކުން ލިބިފައިވާ އެ ފުޓޭޖުތަކުންވެސް ފެންނަނީ އެމީހުން އެގެއަށް މަރުވުމަށް ބޭނުންވާނެ އާލާތްތަކާއި އެއްޗެހި ވައްދާތަނެވެ.

އިންޑިއާގެ ހިންދޫ ދީނުގެ މީހުންނަކީ މިފަދަ ނާތަހުޒީބު ގަބޫލު ކުރުންތައް އާންމުކޮށް ގަބޫލު ކުރާ ބައެކެވެ. އެކަމަކު ފުލުހުން ބުނީ އަދި މައްސަލަ އެހިސާބުން ނިންމާ ނުލާނެ ކަމަށާއި މަރުވެފައިވާ އެ އާއިލާގެ ބައްޕަ އަކީ ސިހުރުގެ ކަންކަން ގަބޫލުކޮށް އެއަށް ތަބާވަމުން ދިޔަ މީހެއްތޯ ތަހުގީގު ކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް