ސަލްމާން ހާން މިހާރު ތައްޔާރުވަމުން ދަނީ އޭނާގެ ޅިއަނު އަޔޫޝް ޝަރްމާ ބޮލީވުޑަށް ތައާރަފު ކުރުމަށެވެ.
ފިލްމު "ލަވްރާތްރީ" އިން އަޔޫޝް ބޮލީވުޑަށް ތައާރަފުވާން ތައްޔާރުވަމުން ދާއިރު އެއީ ސަލްމާން ވަރަށް ސީރިއަސްކޮށް ކުރިޔަށް ގެންދާ މަސައްކަތެވެ. އެގޮތުން ކެޓްރީނާ ކެއިފްގެ ކޮއްކޮ އެލިޒަބަތް ކެއިފްއަށް އެ ފިލްމުގެ ލީޑްރޯލުން ޖާގަ ދިނުމަށް ފަހު އޭނާ ބާކީ ކުރީ ރަނގަޅަށް ހިންދީން ވާހަކަ ދައްކަން ނެނގޭތީ، އަޔޫޝްގެ ފިލްމެއްގައި އެއްވެސް މައްސަލައެއް ދިމާވާން ބޭނުންނުވާތީ އެވެ.
މިފަހަރު ސަލްމާން ބޮލީވުޑަށް ތައާރަފު ކުރަން މިއުޅެނީ ވަރަށް ތަފާތު މީހެކެވެ. އެވެސް މީގެ އެތައް އަހަރެއް ކުރިން ވީ ވައުދެއް ފުއްދުމަށެވެ. ސަލްމާންގެ ބޮޑީގާޑެއްގެ ގޮތުގައި މަސައްކަތް ކުރާ ޝެރީ ނަމަކަށް ކިޔާ މީހާ އަކީ އެ ވަޒީފާގައި ހުންނަތާ ވަރަށް ދުވަސްވެފައިވާ މީހެކެވެ.
އޭނާއަށް ދަރިއަކު ލިބުމުން ސަލްމާން ވަނީ އޭނާގެ ގެއަށް ޒިޔާރަތްކޮށް އަންހެނުންނާއި ދަރިފުޅުގެ ހާލު ބަލާފައި އެވެ. އެ ދުވަހު ސަލްމާން އެ ކުއްޖާ އުރާލުމަށްފަހު ބުނެފައިވަނީ އެ ދަރިފުޅު ވާނީ ހީރޯއަކަށް ކަމަށާއި އޭނާ ހީރޯ އަކަށް ހަދާނީ ސަލްމާން ކަމަށެވެ. އެކަން ޝެރީ މާ ސީރިއަސް ކޮށެއް ނުނަގަ އެވެ.
އެކަމަކު ޝެރާގެ ދަރިފުޅު ޓައިގާ ބޮޑުވަމުން އަންނަ ވަރަށް ސަލްމާން ގެންދިޔައީ އޭނާގެ ވާހަކަ އޮޅުންފިލުވަމުންނެވެ. އެގޮތުން މީގެ ދެތިން އަހަރު ކުރިން އޭނާ ބޮލީވުޑަށް ތައާރަފު ކުރުމަށް ނިންމާފައިވާ ކަމަށް އޭރު ޝެރާ ކައިރީ ސަލްމާން ބުނި ކަމަށްވެ އެވެ. އެކަމަކު އެކި ސަބަބުތަކާއި ހެދި ލަސްވީ އެވެ.
މިހާރު ސަލްމާން ނިންމާފައިވަނީ އަޔޫޝްގެ ފިލްމު ރިލީޒް ވުމުން އޭނާ އެންމެ ފުރަތަމަ ދެން މަސައްކަތް ފަށާނީ ޓައިގާ ބޮލީވުޑަށް ތައާރަފުވާ ފިލްމުގެ މަސައްކަތެވެ.
ޝެރީއަކީ ސަލްމާން ވަރަށް އިތުބާރު ކުރާ ބޮޑީގާޑެއް ކަމަށްވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް