ގޭމް އޮފް ތްރޯންސް ސީޒަން ހަތެއް ނިކުންނަން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް ދުބާއީގެ ބްރޯޑްވޭ ބޭކަރީގެ، ކޭކް އާޓިސްޓުން މިހާރުވަނީ ގޭމް އޮފް ތްރޯންސްގެ މަޤުބޫލު ކެރެކްޓަރ "ޓިރިއޮން ލެނިސްޓާރ" (ޕީޓާ ޑިންކްލޭޖް) ގެ ދުބާއީ ފޭނުންނަށް ވަރަށް ޚާއްޞަ ހަދިޔާއެއް ދޫކޮށްލާފަ އެވެ.
ބްރޯޑްވޭ ބޭކަރީގެ ފަރާތުން ޓިރިއޮން ހުންނަ ގޮތައް ހުންނަ ހަތަރު ފޫޓުގެ ދިގު ފޮންޑޭޓް ކޭކެއް ވަނީ އަޅާފަ އެވެ.
ހަތް ކޮއިލުގެ ރަސްކަމުގެ ބޭނުމުގައި ބަޔަކު ކުރާ ހަނގުރާމަ ދައްކުވާއިދޭ އެ ސިލްސިލާގައި ޓިރިއޮންއަކީ، މިހާރު އެ ހަތް ކޮއިލުގެ ރަސްކަން ކުރުމަށް އެންމެ ޙައްޤުކަން ބޮޑު ރާނީ، ޚަލީސީގެ އެންމެ އަރިސް މީހާ އެވެ.
އެ ކޭކުގައި ޓްރިއޮން އިންނަނީ ހަތް ކޮއިލުގެ މައްޗަށް ރަސްކަން ކުރާ މީހާ އިންނަންޖެހޭ ތަހުތުގެ މަތީގަ އެވެ.
ތިން ޙަފްތާއިން ތައްޔާރުކުރެވުނު އެ ކޭކު މިހާރުވަނީ 25،000 ޑޮލަރަށް ވިއްކާލާފަ އެވެ. މިއީ ދުނިޔޭގައި މިހާތަނަށް އެޅި އެންމެ އަގުބޮޑު ކޭކުވެސްމެ އެވެ.
އެކަހަލަ ކޭކެއް ބޭނުންނަމަ އޮންލައިންކޮށް އަދިވެސް އިމަރާތުގެ ކޮންމެ ހިސާބެއްގައި ހުރި މީހަކަށްވެސް އޯޑަރު ކުރެވޭނެކަމަށް ބްރޯޑްވޭ ބޭކަރީން ބުނެ އެވެ.
ސުވާލަކީ އެ ކޭކް ކާލެވޭނެތޯ؟
ބްރޯޑްވޭ ބޭކަރީން ބުނީ އެއީ ކެވޭ ގޮތައް ތައްޔާރުކޮށްފައިވާ ކޭކެއްކަމަށެވެ. ކޭކުގައި ހަމައެކަނި ބޭނުންކޮށްފައި ހުރީ ޝުގާ ފޮންޑޭޓްއާއި ޝުގާ ޕޭސްޓެވެ. ނަމަވެސް ގިނަ ދުވަސް ވެއްޖެނަމަ އެ ތަކެތި ހަރުވާނެ ކަމަށާއި، ހަރުވެއްޖެނަމަ ކެއުން ރަނގަޅު ނޫންކަމަށް ބްރޯޑްވޭ ބޭކަރީންވަނީ ބުނެފަ އެވެ.
ޗޮކްލެޓް ފުލޭވާރ އެތެރޭގައި ހުރި އެ 32 ކިލޯގެ ކޭކުން 120 މީހުނަށް ކެވޭނެ އެވެ. އަދި އެ ފަރާތަކުން ބޭނުން ފުލޭވާރެއް ކޭކްގެ އެތެރެއަށް އޯޑަރު ދިނުމުން އަޅައިދޭނެކަމަށް ބްރޯޑްވޭ ބޭކަރީން ބުނެ އެވެ.
ގޭމް އޮފް ތްރޯންސް ސީޒަން ހަތެއް ނިކުންނާނީ މި މަހުގެ 16 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް