ބޮލީވުޑްގައި އެންމެ ފުރަތަމަ ފަހަރަށް ގިނަ ބައެއްގެ ބޮޑު މަޤުބޫލުކަމެއް ހޯދި އަންހެން ތަރި ޝްރީދޭވީގެ އާ ފިލްމު "މޯމް" ވަރަށް އަވަހަށް ސިނަމާތަކުގައި އަޅުވާނެ އެވެ.
ފިލްމީ ދާއިރާގައި މަސައްކަތްކުރާތާ މި އަހަރު 50 އަހަރުވެފައިވާ ޝްރީދޭވީގެ އެންމެ ފަހުން ނިކުތް ފިލްމު "އިންގްލިޝް ވިންގް ލިޝް" ގައި އޭނާ އަދާކުރި ރޯލަށް ވަރަށް ބޮޑު ތަރުޙީބެއް ލިބިފައިވެ އެވެ.
ޝްރީދޭވީގެ ފިރިމީހާ ބޯނޭ ކަޕޫރު ޕްރޮޑިއުސްކުރާ ފިލްމު "މޯމް" ރިލީޒްކުރާ ދުވަހުގެ ގޮތުގައި ބޯނޭ ހަމަޖައްސާފައިވަނީ ޝްރީދޭވީ މީގެ 50 އަހަރު ކުރިން އޭނާގެ ފިލްމީ ކެރިއަރު ފެއްޓި ދުވަސް ކަމަށްވާ ޖުލައި ހަތެކެވެ. އަދި އެ ފިލްމަކީ ޝްރީދޭވީގެ 300 ވަނަ ފިލްމެވެ.
"މޯމް" ފިލްމު ޕްރޮމޯޓު ކުރުމުގައި އަވަދިނެތި އުޅެމުންދާ ޝްރީދޭވީ ބީބީސީ އަށް އިންޓަރިވިއު ދެމުން ބުނީ ބޮލީވުޑްގައި މިހާރު މަސައްކަތްކުރާ އަންހެން ތަރިން ވަރަށް ނަސީބު ގަދަކަމަށެވެ.
އެ ތަރިންނަށް ޝޫޓިންތަކުގައިވެސް އެންމެ ފަހުގެ ލަގްޒަރީ ވަސީލަތްތަކުން ޚިދުމަތް ލިބޭކަމަށާއި، ނަމަވެސް އޭރުގައި ޝޫޓިންއަކަށް ގޮސް ހެދުން ބަދަލުކުރަންޖެހޭނީވެސް ގަހެން ނޫނީ ހިލައެއްގެ ދޮށަށް ވަދެގެންކަމަށެވެ.
ޝްރީދޭވީ އިތުރަށް ބުނީ ޝޫޓިންތަކަށްދާ ސެޓުތަކުގައި ފާހާނާ ފަދަ ތަންތަން ނެތުމުން ޝޫޓިންތަކަށް ގޮސް އުޅޭއިރުން ފާހާނާއަށް ދާންޖެހިދާނެތީ ގިނަ ވަގުތު ފެން ނުބޮއިވެސް ހުންނަކަމަށެވެ.
އަދި ޝޫޓިން ތަކުގައި ވާރޭގައި ނަށަންޖެހިއްޖެނަމަ ވަރަށް އަވަހަށް މީހާ ހުން އައިސް ބަލިވާކަމަށްވެސް ބޮލީވުޑްގެ ޑީވާ ބުންޏެވެ.
މިއަދު ޝްރީދޭވީއަކީ ހުރިހާ ގޮތަކުން ބެލިއަސް ބޮލީވުޑްގައި ހުރި އެންމެ ގިނަ ބައެއްގެ މަޤުބޫލުކަމާއި، އިޙްތިރާމް ހޯދާފައިވާ އަދިވެސް ފިޔަޖަހަމުންދާ ބަތޮލާއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް