މެމްބަރު ޝިޔާމް އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންނަވަން ތައްޔާރު ވަނީ

ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމުގެ މައިބަދައަށް ލިބުނު އަނިޔާއަށް ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމަށް ތައްޔާރުވާން ފަށައިފި އެވެ އޭނާއަށް އަނިޔާވީ ގާނޫނު އަސާސީ އިސްލާހު...

06 Jun 2020 | 10:23

ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމުގެ މައިބަދައަށް ލިބުނު އަނިޔާއަށް ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމަށް ތައްޔާރުވާން ފަށައިފި އެވެ

އޭނާއަށް އަނިޔާވީ ގާނޫނު އަސާސީ އިސްލާހު ކުރުމަށް މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރު މަޖިލީހުގައި ބޭއްވި ޖަލްސާގައި އެމްޑީޕީ މެންބަރުން އޭނާ ގަދަކަމުން މަޖިލީހުން ނެރެން އުޅުމުގެ ތެރޭގައި އެވެ. ރިޔަސަތު ވާހަކަ ދައްކަވަނިކޮށް ޝިޔާމް އަޑުގަދަ ކުރައްވަން ފެއްޓެވުމުން ނަން އިއްވައި މަޖިލީހުން ނުކުތުމަށް އެންގުމުން ޝިޔާމް ނުކުމެވަޑައި ނުގެންނެވުމުން ސާޖެންޓް އެޓް އާމްސްއަށްވެސް އެކަން ނުވުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޝިޔާމް މަޖިލީހުން ނެރުމަށް އެމްޑީޕީގެ މެންބަރުންނަށް އަންގަވާފައި އެވެ.

ޝިޔާމް މިއަދު ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ މެމްބަރުން އޭނާގެ ގަޔަށް އަތްލައި، ނެރުމުގެ ތެރޭގައި އޭނާގެ މައި ބަދައިގެ ތިރީ ބަދައެއް ކޮންމެވެސް ވަރަކަށް އެތެރެއަށް ޖެހި އަދި ބަދައިގައި ރެނދުލުމުގެ އިތުރުން މޭކަށިގަނޑަށް ވެސް އަނިޔާ ލިބިފައިވާ ޓެސްޓްތަކުން ހާމަވާ ކަމަށެވެ. އެހެންވެ، ހިނގާ ބިނގާވެ އުޅުމަށް މިހާރު ދަތިވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ޝިޔާމް ވިދާޅުވީ އިތުރު ސިއްހީ މައްސަލަތަކެއްވެސް ދިމާވަމުންދާ ކަމަށެވެ. އެހެންވެ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ޖެހިދާނެ ކަމުގެ އިޝާރާތެއް ލިބިވަޑައިގެންފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

ޝިޔާމްގެ ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި އޭނާ ތަޅުމުން ބޭރަށް ނެރުމަށް އެންގެވީ ނަޝީދު ކަމަށެވެ. ގާނޫނުއަސާސީ އިސްލާހު ކުރުމުގައި ސުޕްރީމް ކޯޓުގެ ލަފަ އާއި މަޖިލީހުގެ ގަވާއިދާ ޚިލާފަށް އެ އިސްލާހު ގެންނާތީ އެކަމާ ދެކޮޅަށް އޭނާ މަޖިލީހުގައި އަޑުއުފުއްލަވަން ފެއްޓެވުމުން އޭނާގެ ނަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްވެވީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށްވެސް ވިދާޅުވެފައިވެ އެވެ.

އެ ބަޔާނުގައި ޝިޔާމް ވިދާޅުވެފައިވަނީ އެ އަމަލަކީ ޖިނާއީ ކުށްތަކެއް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެކަންކަން އިންސާފުވެރިކަމާ އެކު ފުލުހުން ބަލާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ފަރުވާއަށް ފަހު އެނބުރި ވަޑައިގަންނަވާނެ ކަމަށާއި މެމްބަރެއްގެ ހައިިސިއްޔަތުން ކުރައްވަންޖެހޭ މަސައްކަތް ކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށް ވެސް ޝިޔާމްގެ ބަޔާނުގައިވެ އެވެ.

ޝިޔާމް ބޭރަށް ވަޑައިގެންނަވަން ތައްޔާރުވިޔަސް އެންމެ އަވަހަށްވެސް ދެވޭނެ ކަމަށް ބެލެވެނީ އަންނަ މަހު އެވެ. އެއީ ރާއްޖޭގެ ބޯޑަރު ހުޅުވުމުންނެވެ.

މިހާރުވެސް ރާއްޖޭގައި ބޯދެތި ބަލިތަކަށް ފަރުވާ ހޯދަން ރާއްޖެއިން ބޭރަށް ދާން ބޭނުންވާ މީހުން ތިބީ އަވައްޓެރި ސްރީލަންކާ އާއި އިންޑިއާގެ ބޯޑަރުތައް ހުޅުވާ ނުލާތީ ނުދެވިފައި އެވެ. އެކަމަކު އެ ގައުމުތަކުގެ ސަރުކާރާއި ވާހަކަ ދައްކައިގެން ވަރަށް ބަލި 33 މީހަކު ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އާސަންދައިން ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް