ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 7،000 ފްލެޓު އަންނަ މަހު ދޭން ފަށާނެކަމަށް ހައުސިން މިނިސްޓަރު އާތިފާ ޝަކޫރަށް ވިދާޅުވެވުނީ އޮޅުމަކުން ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.
ހައުސިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކަ ކޮމިޓީގައި ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްއަނީ އަބްދުލް ހަކީމް ކުރެއްވި ސުވާލުގެ ޖަވާބު ދެއްވަމުން ފްލެޓުތައް ޖުލައިމަހަށް ހަވާލު ކުރެވޭނެ ކަމަށް މިނިސްޓަރަށް ވިދާޅުވެވިފައިވަނީ އޮޅުމަކުން ކަމަށެވެ. މިނިސްޓަރު އެހެން ވިދާޅުވީ ތަކުރާރުކޮށް ފްލެޓުތައް ހަވާލު ކުރެވޭނެ ދުވަހަކާއި ގުޅޭގޮތުން މެންބަރުން ސުވާލު ކުރައްވަން ފެއްޓެވުމުންނެވެ.
ބެލެވޭ ގޮތުގައި މިނިސްޓަރަށް އެހެން ބުނެވުނީ މެންބަރުން މާގިނައިން އެ ސުވާލު ކުރައްވަން ފެއްޓެވުމުން އަނގަ އޮޅިވަޑައިގެންނެވެ. އެއީ އެ ބައްދަލުވުމުގައި އެނޫން އެއްވެސް ވާހަކައެއްގައި އަންނަ މަހު ފްލެޓުތައް ހަލާވު ކުރަން ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައެއް ނުވެ އެވެ.
އެ ދުވަހުގެ ބައްދަލުވުމުގައި މިނިސްޓަރު އާތިފާ ވިދާޅުވީ 7،000 ފުލެޓަށް ހޮވުނު ފަރާތްތަކުގެ ލިސްޓް ފައިނަލް ކުރުމުގެ މަސައްކަތް ޖުލައި މަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކޯވިޑް-19 ގެ ހާލަތު މެދުވެރި ނުވިނަމަ އެ މަސައްކަތް މިހާރު އޮންނާނީ ނިމިފައި ކަމަށް ވިދާޅުވި އެވެ.
އޭގެ ފަހުން އެ މިނިސްޓްރީން އެދުވަހު ކުރި ޓްވީޓެއްގައި މިކަމުގެ މައުލޫމާތު އިތުރަށް ހިމަނައި، ބުނެފައިވަނީ އަމާޒަކީ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފަ ވާފަދައިން މިއަހަރު ނިމުމުގެ ކުރިން ހިޔާ މަޝްރޫގެ ފްލެޓް ތައް ހަވާލުކޮށް ނިންމުން ކަމަށެވެ.
ހިޔާ މަޝްރޫއުގެ ފްލެޓުތަކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފެށި މަސައްކަތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް