ހުޅުމާލޭގައި އުމުރުން ހަ އަހަރުގެ ފިރިހެން ކުއްޖަކާއި އަށް އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އަދި މިހާރު ދޫކޮށްލާފައިވާ އުމުރުން 19 އަހަރުގެ މީހާއާއި ދެކޮޅަށް ކޮންމެވެސް ވަރެއްގެ ހެކިތަކެއް ހުރިކަން ދުވަހަށް ކަށަވަރު ކުރެވިއްޖެއެވެ.
އެގޮތުން އޭނާ މިދިޔަ މަހުގެ 26 ވަނަ ދުވަހު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހަން ހުޅުމާލޭ ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް 12 ދުވަހުގެ މުއްދަތެއް އެ ކޯޓުން ދިނީ އޭނާއާއި ދެކޮޅަށް ހެކިތަކެއް ހުރުމުން ކަން އެނގިފައިވެއެވެ.
ނަމަވެސް މިއަދު އޭނާގެ ބަންދުގެ މުއްދަތު ހަމަވާތީ ބަންދުގެ މުއްދަތު އިތުރުކުރަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ އޭނާ ހައްޔަރު ކުރުމުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނާ ފުލުހުން ޚިލާފުވެފައިވާކަމަށް ބުނެއެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނެފައިވާގޮތުގައި މީހަކު ހައްޔަރު ކުރުމަށްފަހު އޭނާ ގެންދަން ޖެހެނީ ހައްޔަރު ކުރި ސަރަހައްދާއި އެންމެ ކައިރީގައި ހުރި ޕޮލިސް ސްޓޭޝަނަކަށެވެ. ހުޅުމާލޭގައި ފުލުހުންގެ ދެ ސްޓޭޝަނެއް ހުންނައިރު އޭނާ އެރޭ ހައްޔަރުކޮށް ގެންދިޔައީ ހައްޔަރު ކުރި ސަރަހައްދާ އެންމެ ގާތް ނޫން ސްޓޭޝަނަށް ކަމުން ފުލުހުން އެވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފުވެފައިކަމަށް މިއަދު ނިންމާ އޭނާ ދޫކޮށްލީއެވެ.
މިރޭ މި މައްސަލައިގާ ފުލުހުން ބުނެފައިވަނީ މި މައްސަލައިގާ 19 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވަނީ ކުޑަ ދެ ކުދިންނަށް ޖިންސީ ގޯނާ ކުރުމާއި، އޭނާގެ ފޯނުން އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ އެކުދިންނަށް ދައްކާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް