ތިން ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ދެމައިންގެ މައްސަލައިގާ ފުލުހުން އަމަލުކުރީ ޖިނާއީ އަދުލުގެ ނިޒާމުގެ ތަރުތީބު މުގުރިގެންދާފަދަ ގޮތަކަށް ކަމުގައި ކްރިމިނަލް ކޯޓުން ސިފަކޮށްފިއެވެ.
އެ ކޯޓުން މިކަން މިގޮތަށް ސިފަކޮށްފައިވަނީ ތިން ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރެވުނު ދެމީހަކު ދޫކޮށްލުމާ ގުޅޭގޮތުން ދޮގު ޚަބަރުތަކެއް ފެތުރޭ ކަމަށްބުނެ ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
"ފުރަތަމަ މަރުޙަލާގެ ކޯޓޫތަކުން ނިންމާ ނިންމުންތައް އިސްތިއުނާފު ކުރުމުގެ ބަދަލުގައި ހަމަ އެ މަރުޙަލާގެ އެހެން ކޯޓުތަކަށް އެއްކަމެއްގައި ގޮތް ނިންމަން ހުށަހެޅުމަކީ، ޤާނޫނީގޮތުން އުފެދިފައިވާ ޖިނާއީ ޢަދުލުގެ ނިޒާމުގެ ތަރުތީބު މުގުރިގެންދާނެ ކަމެކެވެ." ކްރިމިނަލް ކޯޓުގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވާގޮތުގައި މަސްތުވާތަކެތީގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި މި ދެމީހުން ހައްޔަރުކޮށްފައިވަނީ ޤާނޫނީ އިޖުރާއަތްތަކާ ޚިލާފަށްކަމަށްވާތީ، މި ދެފަރާތް ވަގުތުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އެންގުމުން މިކަމާ ގުޅޭ ޚަބަރުތައް މީޑިއާގައި ފުލުހުން ގެނެސްދީފައިވަނީ އެއްވެސް ޒިންމާދާރުކަމެއްނެތި ޝަރުޢީ ނިޒާމުގެ ތަސައްވުރަށް ގެއްލުން ލިބިގެންދާ ގޮތަށެވެ.
[contentcards url="https://dhuvas.mv/87996" target="_blank"]
އެ ކޯޓުން ބުނެފައިވާގޮތުގައި ހައްޔަރު ކުރެވުނު ދެމީހުންގެ ތެރެއިން 25 އަހަރުގެ ފިރިހެން މީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ ހައްޔަރު އަމުރެއްގެ ދަށުން ކަމަށް ބުނެ ފުލުހުން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ތަތްގަނޑު ޖަހާފައިވާ އަމުރެއް ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހަށް ހުށަހެޅި ނަމަވެސް ހުށަހަޅާފައިވާ އޭނާ ހައްޔަރު ކުރުމުގެ އަމުރުގައި އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރުމަށް އޮތް ދެ އަމުރުން ކުރެ އެއްވެސް އަމުރެއްގައި އަމުރު ނެރުއްވި ފަނޑިޔާރެއްގެ ނަންފުޅު ނެތަތީ، އެއީ ފނަޑިޔާރަކު ނެރުއްވި އަމުރެއްކަން އެނގޭކަށް ނެތެވެ.
" ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ)ގެ 12 ވަނަ ނަންބަރާއި، އެ ޤާނޫނުގެ 41 ވަނަ މާއްދާގެ (ށ)ގެ 6 ވަނަ ނަންބަރަށް ބެލުމުން، ކޯޓުން ނެރޭ ހައްޔަރު އަމުރުތަކާއި ބަލައި ފާސްކުރުމުގެ އަމުރުތަކުގައިވެސް އަމުރު ނެރެދޭ ފަނޑިޔާރެއްގެ ނަން އޮތުން ލާޒިމުކޮށްފައިވާކަން އެނގެން އޮންނައިރު، ފުލުހުން ހުށަހެޅި ދެ އަމުރަކީވެސް ޤާނޫނާ ޚިލާފަށް އޮތް ދެ އަމުރުކަމީ އެއްވެސް ޤާނޫނީ ބަހުސެއް އޮތް ކަމެއް ނޫނެވެ." ކްރިމިނަލް ކޯޓުގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ އެ ދެ އަމުރަކީވެސް ކްރިމިނަލް ކޯޓުން ދޫކޮށްފައިވާ ދެ އަމުރެއް ނޫން ކަމަށާއި ހައްޔަރު ކުރުމާއި ބަލާ ފާސްކުރުން ޤާނޫނާ ޚިލާފަށް ހިންގާފައިވާ ފެށުމެއްގެ މައްޗަށް އެއްވެސް ތުހުމަތަކާ ގުޅިގެން ހަމަ އެކަކުގެ ވިޔަސް ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަކީ ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނު ހުއްދަކުރާ ކަމެއް ނޫނެވެ. އަދި އެކަމަކީ އިންސާނީ ހައްޤުތަކާބެހޭ ޢާލަމީ އިޢުލާންތަކާއި ބައިނަލްއަޤްވާމީ މުޢާހަދާތަކުން ވަރަށް ހަރުކަށި ގޮތެއްގައި ފަށްފަށުން ތަޖްމީރުކޮށްފައިވާ ކަންކަން ކަމަށެވެ.
[contentcards url="https://dhuvas.mv/87993" target="_blank"]
ކްރިމިނަލް ކޯޓުން އިތުރަށް ބުނެފައިވާގޮތުގައި ފުރަތަމަ މަރުޙަލާގެ ކޯޓަކުން މީހެއްގެ ބަންދާމެދު ނިންމާ ނިންމުމެއް ޤާނޫނާ ޚިލާފުކަމަށް ޤަބޫލުކުރެވިއްޖެ ހިނދެއްގައި، އެގޮތަށް ޤަބޫލުކުރެވޭ ފަރާތަށް ތީ އެ އަމުރެއް އިންތިއުނާފުކުރުމެވެ.
މި މައްސައިގާ ފުރަތަމަ ފަހަރަށް ދެމައިން ހައްޔަރުކުރީ ހޯމަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ. އެއީ 52 އަހަރުގެ އަންހެނަކާއި 25 އަހަރުގެ ފިރިހެނެކެވެ. އެއީ މަންމައާއި ދަރިފުޅެވެ. ބަންދާއިމެދު ގޮތެއް ނިންމުމަށް އަންގާރަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން ކޯޓުން އެ ދެމީހުން ދޫކޮށްލީ ކޯޓު އަމުރުގައި ފަނޑިޔާރުގެ ނަން ނެތަތީއެވެ. ދެވަނަ ފަހަރަށް ހައްޔުކުރީ އަންގާރަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ. މުއްދަތު ޖަހަން ބުދަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން މިފަހަރު ދޫކޮށްލީ އިޖުރާއަތެއް ފުލުހުން ފުރިހަމަ ކޮށްފައިނުވާކަމަށް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް