ހައްޔަރުކުރި ދެމައިންގެ މައްސަލަ: އަންހެންމީހާ ހައްޔަރުކުރީ އެއްވެސް ތުހުމަތެއް އޮވެގެން ނޫން: ކްރިމިނަލް ކޯޓު

ބަރުދަނުގައި ތިން ކިލޯ ހުރި މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން އުމުރުން 52 އަހަރުގެ މަންމައަކާއި އުމުރުން 25 އަހަރުގެ ފިރިހެން ދަރިފުޅު ހައްޔަރުކުރި މައްސަލައިގާ، އެ އަންހެންމީހާ ހައްޔަރުކޮށްފައިވަނީ އ...

06 Jun 2019 | 00:32

ބަރުދަނުގައި ތިން ކިލޯ ހުރި މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން އުމުރުން 52 އަހަރުގެ މަންމައަކާއި އުމުރުން 25 އަހަރުގެ ފިރިހެން ދަރިފުޅު ހައްޔަރުކުރި މައްސަލައިގާ، އެ އަންހެންމީހާ ހައްޔަރުކޮށްފައިވަނީ އެއްވެސް ތުހުމަތެއް އޮވެގެން ނޫންކަމުގައި ކްރިމިނަލް ކޯޓުން ބުނެފިއެވެ.

ކްރިމިނަލް ކޯޓުން މިހެން ބުނެފައިވަނީ ތިން ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރެވުނު ދެމީހަކު ދޫކޮށްލުމާ ގުޅޭގޮތުން ދޮގު ޚަބަރުތަކެއް ފެތުރޭ ކަމަށްބުނެ ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

"ފުލުހުން ޝަރީއަތުގެ މަޖިލީހުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި 52 އަހަރުގެ އަންހެން މީހާ ހައްޔަރުކޮށްފައިވަނީ އެއްވެސް ތުހުމަތެއް އޮވެގެން ނޫންކަމަށާއި، އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ ދަރިފުޅު މަސްތުވާތަކެއްޗަށް ޒިންމާ ނަގާފައިނުވާތީކަމަށް ފުލުހުން ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އެ އަންހެން މީހާގެ ހައްޔަރާއި ބެހޭ މަޢުލޫމާތު ފޯމަށް ބެލި އިރު، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ސަބަބުގެ ގޮތުގައި ފާހަގަކޮށްފައިވާ ކަންކަމުންވެސް އެކަން އިތުރަށް ކޯޓަށް ކަރަވަރުވެފައިވާކަމަށެވެ.

އޭނާގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ބެންޒޯއަށް ޕޮޒިޓިވްވެފައިވަނީ އޭނާއަކީ ނަފްސާނީ ބައްޔަށް ބޭސްކާ މީހަކަށް ވާތީ ކަމަށާއި، އޭނާގެ ކުޑަކަމުދާ ތަކެތި ޕޮޒިޓިވްވެފައިވާ ބާވަތަކީ ބޭހެއް ކަމަށާއި، އެކަމާ ގުޅޭ ލިޔުންތައްވެސް ހުރިކަމަސް ފުލުހުން ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވާކަމަށްވެސް ކްރިމިނަލް ކޯޓުގެ ބަޔާނުގައި ބުނެފައިވެއެވެ.

"އެމީހާ ދޫކޮށްލެވިފައިވަނީ ފުލުހުން ޝަރީއަތަށް ދީފައިވާ މި މަޢުލޫމާތުގެ މައްޗަށެވެ" ކްރިމިނަލް ކޯޓުގެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި ބުނެފައިވަނީ 52 އަހަރުގެ އަންހެން މީހާއަކީ ތުހުމަތެއް ނެތި ހައްޔަރު ކުރެވުނު މީހެއް ކަމަށް ޝަރީއަތުގެ މަޖިލީހުގައި ފުލުހުން ބުނެފައިވާއިރު، އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ ދަރިފުޅު، ހާދިސާއިން ފެނުނު މަސްތުވާތަކެތީގެ ޒިންމާ ނަގާފައިނުވާތީކަމަށް ފުލުހުން ފާހަގަކޮށްފައިވާއިރު، މަޖުބޫރުކޮށްގެން ޤާނޫނާ ޚިލާފަށް ހެކި ހޯދުމަކީ ޤާނޫނު އަސާސީގެ 52 ވަނަ މާއްދާގެ ނައްޞުން މަނާކުރެވިފައިވާ ކަމެއް ކަމަށާއި އަދި އެފަދަ ހެކި ޝަރީއަތަށް ބަލައިގަތުން ފަނޑިޔާރުންނަށްވެސް ވަނީ އެ މާއްދާއިން މަނާކޮށްފައި ކަމުގައި ބުނެފައިވެއެވެ.

" މަސްތުވާތަކެތީގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި މި ދެމީހުން ހައްޔަރުކޮށްފައިވަނީ ޤާނޫނީ އިޖުރާއަތްތަކާ ޚިލާފަށްކަމަށްވާތީ، މި ދެފަރާތް ވަގުތުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އެންގުމުން މިކަމާ ގުޅޭ ޚަބަރުތައް މީޑިއާގައި ފުލުހުން ގެނެސްދީފައިވަނީ އެއްވެސް ޒިންމާދާރުކަމެއްނެތި ޝަރުޢީ ނިޒާމުގެ ތަސައްވުރަށް ގެއްލުން ލިބިގެންދާ ގޮތަށެވެ." ކްރިމިނަލް ކޯޓުގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ކްރިމިނަލް ކޯޓުން ބުނެފައިވަނީ ފުރަތަމަ މަރުޙަލާގެ ކޯޓަކުން މީހެއްގެ ބަންދާމެދު ނިންމާ ނިންމުމެއް ޤާނޫނާ ޚިލާފުކަމަށް ޤަބޫލުކުރެވިއްޖެ ހިނދެއްގައި، އެގޮތަށް ޤަބޫލުކުރެވޭ ފަރާތަށް އޮތީ އެ އަމުރެއް އިންތިއުނާފުކުރުމެވެ.

" ނަމަވެސް ކްރިމިނަލް ކޯޓުން އެދެފަރާތް ބަންދުން ދޫކޮށްލުމަށް ނިންމުމުން އެނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ ބަދަލުގައި، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން އިތުރު ހައްޔަރު އަމުރުތަކެއް ނަގައިގެން އަނެއްކާ އެދެފަރާތް ހައްޔަރުކޮށް، މިއަދުގެ ވަގުތެއްގައި އެދެފަރާތުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުޅުމާލެ މެޖިސްޓްރޭތް ކޯޓަށް ވަނީ ގެންގޮސްފައެވެ. ފުރަތަމަ މަރުޙަލާގެ ކޯޓޫތަކުން ނިންމާ ނިންމުންތައް އިސްތިއުނާފު ކުރުމުގެ ބަދަލުގައި ހަމަ އެ މަރުޙަލާގެ އެހެން ކޯޓުތަކަށް އެއްކަމެއްގައި ގޮތް ނިންމަން ހުށަހެޅުމަކީ، ޤާނޫނީގޮތުން އުފެދިފައިވާ ޖިނާއީ ޢަދުލުގެ ނިޒާމުގެ ތަރުތީބު މުގުރިގެންދާނެ ކަމެކެވެ." ކްރިމިނަލް ކޯޓުގެ އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ މި މައްސަލައިގެ ތަޙްޤީޤުގައި ހިމެނޭ ފުލުހުން ޢަމަލުކުރަމުންދާ ގޮތުގައި ސުވާލު އުފެދޭ ކަންތަތަކެއް ހުރީތީ، މިކަން މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުގެ އިތުރުން ޢާންމު އެންމެހާ ރައްޔިތުންގެ ސަމާލުކަމަށްޓަކައި ދަންނަވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް