ހައްޔަރުކުރި މަންމައާއި ދަރިފުޅުގެ މައްސަލަ: ފުލުހުން ބުނަނީ މީގެ ކުރިން މިފަދަ އިޖުރާއީ މައްސަލައެއް ނުޖެހޭ ކަމަށް

މިހާރު އެންމެ ގަދައަށް ދެކެވެމުން އަންނަ އަދި ރައްޔިތުންވެސް އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުން އަންނަ އެއް މައްސަލައަކީ ތިން ކިލޯގެ މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން 52 އަހަރުގެ އަންހެނަކާއި 25 ...

05 Jun 2019 | 23:07

މިހާރު އެންމެ ގަދައަށް ދެކެވެމުން އަންނަ އަދި ރައްޔިތުންވެސް އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުން އަންނަ އެއް މައްސަލައަކީ ތިން ކިލޯގެ މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން 52 އަހަރުގެ އަންހެނަކާއި 25 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް ކޯޓަށް ގެންދިއުމުން ކޯޓުން ދޫކޮށްލުމުން އަނެއްކާވެސް ހައްޔަރުކޮށް އަނެއްކާވެސް ކޯޓުން ދޫކޮށްލި މައްސަލައިގެ ވާހަކައެވެ.

ދުވަހަށް ކަށަވަރު ކުރެވިފައިވާގޮތުގައި އެއީ މަންމައަކާއި ދަރިއެކެވެ.

މި މައްސަލައިގާ ފުލުހުން ބުނެފައިވަނީ އަންގާރަ ދުވަހު ހުޅުމާލެއިން ތިން ކިލޯގެ މަސްތުވާތަކެއްޗާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ދެމީހުން ކޯޓުން ދޫކޮށްލާފައިވަނީ އެމީހުން ހައްޔަރުކުރުމަށް ކޯޓުން ނެރެނު އަމުރުގައި ގާޒީއެއްގެ ނަން ނެތިގެން އެއީ އިޖުރާއީ މައްސަލައެއްގެ ގޮތުގައި ކޯޓުން ބައްލަވާފައި ކަމަށެވެ.

"އެހެން ވުމުން، ފުލުހުން ވަނީ އަލުން ކޯޓު އަމުރެއް ހޯދައި އިއްޔެ ރޭ ދަންވަރު އެ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި، އެއަށްފަހު އެމީހުންގެ ހައްޔަރު ފޯމްތައް ފުރާ ހައްޔަރުކުރި ސަބަބު އަންގާ ޑިޓެންޝަން ސެންޓަރަށް ވައްދަން ނިންމަންޖެހޭ އިދާރީ ކަންކަން ކޮށްފައިވަނީ ދަންވަރު ޑިއުޓީގައި ހުރި އިންވެސްޓިގޭޓަރު" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ އެގޮތުން އިއްޔެ އެ ދެމީހުން ބަންދާއިމެދު ގޮތެއް ނިންމަން ކޯޓަށް ގެންގޮސްފައިވަނީ އިއްޔެ ހެދުނު ޝިފްޓްގެ ޑިއުޓީ އިންވެސްޓިގޭޓަރު ކަމަށެވެ. ދެ ބޭކަލުންނަކީވެސް އެ މަރުހަލާތަކުގައި އެ މަސައްކަތް ކުރުމުގެ ހުއްދަ އޮންނަ ދެ އިންވެސްޓިގޭޓަރު ކަމަށެވެ.

"ނަމަވެސް ކޯޓު ބަންދާއިމެދު ގޮތެއް ނިންމަން އެ ދެމީހުން ކޯޓަށް ގެނައީ އިންވެސްޓިގޭޓިން އޮފިސަރު ނޫންކަމަށް ބަލައި، އެއީ އިޖުރާއަތުގެ ގަވާއިދާއި ޚިލާފުކަމެއް ކަމަށް ބަލައި ވަނީ ދޫކޮށްލާފައި" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ ބުދަ ދުވަހުގެރޭ ދަންވަރު ކޯޓު އަމުރެއްގެ ދަށުން އެ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ފޯމްގައި ސޮއި ކޮށްފައިވަނީ ދަންވަރު ޑިއުޓީގައި ހުރި އިންވެސްޓިގޭޓަރު ކަމަށެވެ. ޑިއުޓީ މީހާ އެވަގުތަކު އަންނަ ކޭސްތަކަށް އެޓެންޑް ވީނަމަވެސް، ކޭސް އިންވެސްޓިގޭޓަރަކަށް އެސައިން ކުރެވެނީ އާއްމުކޮށް ފުރަތަމަ 24 ގަޑިއިރު ތެރޭގައި ކޯޓަށް ގެންދިއުމަށްފަހު ކަމަށެވެ. އަދި އިއްޔެ ކޯޓަށް ގޮސްފައިވަނީ ކޭސް އެސައިން ކުރެވުނު އިންވެސްޓިގޭޓަރު ކަމަށާއި މިއީ ވޭތުވެދިޔަ ތަނުގައިވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި އަމަލުކޮށްފައިވާ ގޮތް ކަމަށާއި ދުވަހަކުވެސް އިޖުރާއީ މައްސަލައެއް ޖެހުނު ކަމެއް ނޫން ކަމުގައިވެސް ފުލުހުން ފާހަގަކޮށްފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މިއީ މީގެ ކުރިން އިޖުރާއީ މައްސަލައެއް ކަމަށް އެއްވެސް މައްސަލައެއްގައި ކޯޓަކުން ފާހަގަކޮށްފައިވާ ކަމެއް ނޫންކަންވެސް ފާހަގަކުރާ ކަމަށެވެ.

ކޮންމެއަކަސް އެހާ ގިނަ މަސްތުވާތަކެއްޗާއެކު އަތުލައިގަތުމުންވެސް އިޖުރާއީ މައްސަލަތަކަކާއި ހެދި ދެ ފަހަރުވެސް އެވަނީ އެމީހުން ސަލާމަތްވެފައެވެ. މިކަމުގައި ގޯސްތަކެއް އުޅޭ ކަމާއިމެދު ރައްޔިތުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް