ހަންޓަ ވައިރަސް ފެތުރެމުން އަންނަ ބޯޓު - ފޮޓޯ: ގެޓީ އިމޭޖަސް
އެޓްލާންޓިކް ކަނޑުގައި ހަންޓަ ވައިރަސް ފެތުރިގެން ތިން މީހުން މަރުވި ކްރޫޒް ޝިޕް އެމްވީ ހޮންޑިއުސްގެ ޑޮކްޓަރަށް ވެސް ބަލި ޖެހި ހާލު ވަރަށް ސީރިއަސް ވެފައިވާ ކަމަށް ސްޕެއިންގެ ހެލްތު މިނިސްޓްރީ އިން ބުނެފިއެވެ.
ނެދަލެންޑްސް ރައްޔިތެއް ކަމަށްވާ ބޯޓުގެ ޑޮކްޓަރު ބަލިވީ ވައިރަސް ޖެހިފައި ތިބި ފަސެންޖަރުންނާއި ކުރޫ އިންނަށް ފަރުވާ ދެމުން ދަނިކޮށެވެ. ނެދަލެންޑްސް ސަރުކާރުން ރަސްމީ ރިކުއެސްޓެއް ފޮނުވައިގެން މެޑިކަލް ފްލައިޓަކުން އޭނާ އިވެކުއޭޓް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ޑޮކްޓަރު ބަލިވުމާ އެކު ބޯޓުގައި ޞިއްޙީ ފަރުވާ ދެވޭނެ ފަރާތެއް ނެތް ހާލަތަކަށް ވެއްޓިފައިވެއެވެ.
ކޭޕް ވާޑެ ބަނދަރު ކައިރީގައި ތާށިވެފައި އޮތް ބޯޓަށް ބަނދަރު ކުރެވޭ ގޮތް ހަމަޖެހިފައި ނެތް އިރު، ސްޕެއިން ސަރުކާރުން ވަނީ ކެނެރީ އައިލެންޑްސް ގައި ބޯޓު ބަނދަރު ކުރުމުގެ ހުއްދަ ދީފައެވެ. ސްޕެއިންގެ ހެލްތު މިނިސްޓްރީ އިން ބުނީ ކޭޕް ވާޑެ އަށް ބޯޓުގައި ތިބި 147 މީހުންނަށް ޚިދުމަތް ދެވެން ނެތް ކަމަށް ޑަބްލިއުއެޗްއޯ އިން އެންގީ ކަމަށާއި، ކެނެރީ އައިލެންޑްސް އަކީ ބޭނުންވާ ވަސީލަތްތައް ހުރި އެންމެ ކައިރި ތަން ކަމަށެވެ. ސްޕެއިން ސަރުކާރުން ބުނީ "މި މީހުންނަށް އެހީވުމަކީ ސްޕެއިންގެ ޤާނޫނީ ޒިންމާއެއް" ކަމަށާއި ބޯޓުގައި ސްޕެއިންގެ ރައްޔިތުން ވެސް ތިބި ކަމަށެވެ.
ބޯޓު ގްރެން ކެނެރިއާ ނުވަތަ ޓެނެރީފެ އަށް ފޯރާނީ ތިން ދުވަހުގެ ދަތުރަކަށް ފަހުއެވެ. ނަމަވެސް ބޯޓު ދަތުރު ފެށޭނީ ހާލު ސީރިއަސް ޕޭޝަންޓުން އިވެކުއޭޓް ކުރުމަށް ފަހުގައި ކަމަށް ޑަބްލިއުއެޗްއޯ އިން ބުންޏެވެ. ކެނެރީ އައިލެންޑްސް އަށް ފޯރުމުން ހުރިހާ ފަސެންޖަރުންނާއި ކުރޫ ޗެކްކޮށް، ފަރުވާ ދީ، އެ މީހެއްގެ ޤައުމަކަށް ފޮނުވާނެއެވެ. ޢާންމުންނާ ކޮންޓެކްޓް ނުވާ ގޮތަށް ޚާއްޞަ ވެހިކަލްތަކާއި ފެސިލިޓީތައް ބޭނުންކުރާނެ ކަމަށް ސްޕެއިންގެ ހެލްތު މިނިސްޓްރީ އިން ބުންޏެވެ.
ޑަބްލިއުއެޗްއޯ އިން ބުނީ ބޯޓުގައި އިންސާނުންގެ ދެމެދުގައި ވައިރަސް ފެތުރުނީ ކަމަށް ބެލެވޭ ކަމަށެވެ. ޑޮކްޓަރަށް ބަލި ޖެހުމަކީ އެ ކަމުގެ ހެއްކެއް ކަމަށް ވެދާނެ ކަމަށް ޞިއްޙީ މާހިރުން ދެކެއެވެ. މިހާތަނަށް ޖުމްލަ ހަތް ކޭހެއް ފެނިފައިވާ އިރު ދެ ކޭސް ކޮންފާމްވެ، ފަސް ކޭސް ތަޙުޤީޤު ކުރަމުންދެއެވެ. މީގެ ކުރިން ނެދަލެންޑްސްގެ ދެމަފިރިންނާއި ޖަރުމަނު ރައްޔިތަކު ބޯޓުގައި މަރުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް