ލިވަޕޫލް ބަލިކޮށް ޗެލްސީން ގަދަ 4 ގެ އުންމީދު ދަމަހައްޓައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ 1-0 އިން ލިވަޕޫލް ބަލިކޮށް ޗެލްސީން ގަދަ ހަތަރަކުން ޖާގަ ހޯދުމުގެ އުންމީދު ދަމަހައްޓައިފިއެވެ. ޕްރިމިއާ ލީގު ތާވަލުގެ 5 ވަނައިގައި ޗެލްސީ އޮތްއިރު، މިރޭގެ މެޗުން އެ ޓީ...

06 May 2018 | 18:20

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ 1-0 އިން ލިވަޕޫލް ބަލިކޮށް ޗެލްސީން ގަދަ ހަތަރަކުން ޖާގަ ހޯދުމުގެ އުންމީދު ދަމަހައްޓައިފިއެވެ.

ޕްރިމިއާ ލީގު ތާވަލުގެ 5 ވަނައިގައި ޗެލްސީ އޮތްއިރު، މިރޭގެ މެޗުން އެ ޓީމު މޮޅުވުމުން 4 ވަނައިގައި އޮތް ޓޮޓެންހަމްއާ ދެމެދު މިހާރު އޮތީ 2 ޕޮއިންޓްގެ ފަރަގެކެވެ. 3 ވަނައިގައި އޮތް ލިވަޕޫލްއާ ޗެލްސީއާ ދެމެދުގައިވާ ޕޮއިންޓްގެ ފަރަގު 3 ޕޮއިންޓަށް ކުޑަވިއިރު، ލިވަޕޫލް ވަނީ އިތުރަށް އެއް މެޗު ކުޅެފައެވެ. އެހެންކަމުން ޗެލްސީ ކުރިއަށް އޮތް ދެ މެޗުން މޮޅުވެ، ލިވަޕޫލަށް ބާކީ އޮތް ހަމައެކަނި މެޗު ކަމަށްވާ ބްރިޓަންއާ ދެކޮޅަށް ކުޅޭ މެޗުން އެއްވަރު ނުވަތަ ބަލިވިޔަސް އަދި ޓޮޓެންހަމްއަށް އޮތް ދެ މެޗުންކުރެ މެޗަކުން އެ ޓީމު ބަލިވިޔަސް ޗެލްސީއަށް ގަދަ 4 އިން ޖާގަ ލިބޭނެއެވެ.

މިރޭގެ މެޗުގައި ޗެލްސީން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 32 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫ އެވެ. މިއީ ވިކްޓާ މޯސަސް ނަގައިދިން ހުރަހަކުން ޖިރޫ ބޮލުން ޖެހި ލަނޑެކެވެ.

ޗެލްސީއަށް މުޅި މެޗުގައި ވެސް ލިބުނު ފުރުސަތުތައް މަދުއިރު، ލީޑުގައި އޮތުމުން ދެ ވަނަ ހާފުގައި އެ ޓީމުން ކުޅުނީ ބޮޑަށް ފަހަތަށް ޖެހިގެން ޑިފެންސިވް ގޭމެކެވެ. ޗެލްސީގެ ޑިފެންސް ފޫއަޅުވާލަން ލިވަޕޫލްގެ ވަރުގަދަ އެޓޭކަރުން ކުރި މަސައްކަތް މިރޭގެ މެޗުގައި ކާމިޔާބު ވާގޮތެއް ނުވިއެވެ.

ޗެލްސީން އަންނަ ބުދަ ދުވަހުގެ ރޭ ހަޑާސްފީލްޑާ ދެކޮޅަށް ނުކުންނައިރު، ހަމަ އެ ރޭ ޓޮޓެންހަމްއިން ނިއުކާސަލް އާ ދެކޮޅަށް ކުޅޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް