ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސިއްހީ ހާލުކޮޅު ގޯސްވެ އަމިއްލަފުޅަށް ކަންކަން ނުކުރެއްވޭތީ އެހީތެރިވުމަށް އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ޖަލަށް ގެންދަވަން ފައްޓަވައިފި އެވެ.
ރައީސް މައުމޫންގެ އާއިލީ ގާތް މީހަކު ދުވަހަށް މައުލޫމާތުދެމުން ވިދާޅުވީ ނަސްރީނާ ޖަލަށް ވަޑައިގެންނަވަން ފެއްޓެވީ ފުލުހުން އަންގައިގެން ކަމަށެވެ. މިދިޔަ ބުދަ ދުވަހު އާއި ރޭ ނަސްރީނާ ދޫނިދޫ ޖަލަށް ވަޑައިގެން މައުމޫނަށް އެހީތެރިވެދީފައިވެ އެވެ.
އޭނާ ވިދާޅުވީ ކޮންމެ ދުވަހަކު ނަސްރީނާ ޖަލަށް ވަޑައިގެންނެވުމުގެ ހުއްދައަށް އެދި މިހާރު ސިޓީއެއް ފޮނުވާފައިވާ ކަމަށާއި އެކަމަކު އަދި ޖަވާބެއް ނުލިބޭ ކަމަށެވެ.
އިތުރަށް ވިދާޅުވި ގޮތުގައި ޑިސެމްބަރު މަހުން ފެށިގެން މައުމޫނަށް ވަނީ "ބިނައިން ޕެރޮކްސިމަލް ޕޮޒިޝަނަލް ވާޓިގޯ" ޖެހިފަ އެވެ. އެ ބަލީގެ ސަބަބުން ވަރަށް ބޮޑަށް ބޯއެނބުރުމާއި ކުއްލިއަކަށް ވެއްޓުން ފަދަ ސިއްހީ މައްސަލަތައް ކުރިމަތިވެ އެވެ. މީގެ ކުރިން ޑޮކްޓަރު ވަނީ މައުމޫން އެކަހެރިކޮށް ޖަލު ގޮޅީގައި ނުބެހެއްޓުމަށް އިލްތިމާސް ކޮށްފައި އެވެ.
އެހެންވެ މިހާރު އަބަދުވެސް މައުމޫންގެ އަރިހުގައި ފުލުހަކު ހުންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އެ ފުލުހުން ގޮވައިގެން ފާހާނާ އަށް ވަޑައިގަތުން ފަދަ ކަންކަން ކުރައްވަން ރައީސް މައުމޫން ދެކޮޅުހައްދަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ގޯސްވެފައިވާތީ ގޭ ބަންދަށް ބަދަލު ކޮށްދިނުމަށް އާއިލާގެ ފަރާތުން ތަކުރާރުކޮށް އެދިފައިވީ ނަމަވެސް މިހާތަނަށް އަންގާފައިވަނީ އެކަން ކޮށްދެވެން ނެތް ކަމަށެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މައުމޫން ހައްޔަރު ކުރީ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ އެވެ. އެމަނިކުފާނުގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް