ފްލެޓު ފޯމު ބަލައިގަންނަން ފަށަނީ އަންނަ މަހު ތިނެއްގައި

ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި ކުރިޔަށް ގެންދާ "ހިޔާ" މަޝްރޫއުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓުތަކަށް އެދޭ ފަރާތްތަކުގެ ފޯމް ބަލައިގެންނަން ފަށާނީ އަންނަ މަހުގެ ތިން ވަނަ ދުވ...

06 May 2018 | 08:26

ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި ކުރިޔަށް ގެންދާ "ހިޔާ" މަޝްރޫއުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓުތަކަށް އެދޭ ފަރާތްތަކުގެ ފޯމް ބަލައިގެންނަން ފަށާނީ އަންނަ މަހުގެ ތިން ވަނަ ދުވަހު ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ދޫކުރާ 7،000 ފްލެޓަށް ފޯމު ދޫކުރަން މިއަދު ފަށާނެ އެވެ. އޮންލައިންކޮށް މި ފޯމް ދޫކުރާއިރު ދަރުބާރުގޭގައިވެސް ފޯމު ދޫކުރުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައި އެވެ. އެކަމަކު ފޯމް ނެގުމަށާއި ފޯމް ހުށަހެޅުމަށް މިއަހަރު ކިއުގައި ޖެހެން ނުޖެހޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.

އެ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޑރ. މުހައްމަދު މުއިޒު ވިދާޅުވީ ދަރުބާރުގެއަށް ފޯމު ނަގަންދާ ފަރާތްތަކުން އެއްވެސް ލިޔެކިޔުމެއް ގެންދަން ނުޖެހޭނެ ކަމަށާއި ބޭނުން ވަރަކަށް ފޯމް ލިބޭނެ ކަމަށެވެ. އަދި އެމީހަކަށް ކުރިމަތި ލެވޭނެ ދާއިރާތަކުގެ މައުލޫމާތު އޮޅުން ފިލުވައި ދިނުމަށް އެ މިނިސްޓްރީގެ މުވައްޒަފުން ތިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފްލެޓު ދޫކުރުމަށް ހަމަޖެހިފައިވާ ކެތަގަރީތައް:

އުމުރުން 18 އަހަރާއި 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ޒުވާނުންނަށް 1000 ފުލެޓް

މާލެ ދަފްތަރުގައި ނުހިމެނޭ މާލޭގެ ރަށްވެހިންނަށް 1000 ފުލެޓް

މާލެ މުނިސިޕަލްޓީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް 1044 ފުލެޓް

ޑޮކްޓަރުންނާއި ނަރުހުންނަށް 475 ފުލެޓް

ޓީޗަރުންނަށް 625 ފުލެޓް

އެކަނިވެރި މައިންނާއި ބަފައިންނަށް 500 ފުލެޓް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް 200 ފުލެޓް

ފުލުހުންނަށް 300 ފުލެޓް

ސިފައިންނަށް 300 ފުލެޓް

މާފަންނު ހުޅަނގުގައި ދިރިއުޅޭ ނިކަމެތި އާއިލާތަކަށް ޚާއްސަ 256 ފުލެޓް

މީގެ ތެރެއިން ޓާޓާ ފްލެޓު ނުލިބުނު ފަރާތްތަކާއި ގުޅީފަޅުން ފްލެޓު ގަތް ފަރާތްތަކުން އަލުން ފޯމު ލާން ނުޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ސިފައިންނާއި ފުލުހުންނަށް ދޭން ހަމަޖެހިފައިވާ ފްލެޓުތަކުގެ ފޯމު ދޫކުރުމަށް ހަމަޖެހިފައިވަނީ އެ މުއައްސަސާތަކުންނެވެ.

މީގެ ސިވިލް ސާވިސް މުވައްޒަފުންނަށް ދޫކުރާ ފްލެޓުތަކަށް ކުރިމަތިލާފައިވާ މީހުން އަލުން މި ފޯމު ލާކަށް ނުޖެހޭނެ އެވެ. އެކަމަކު އެހެން ކެޓަގަރީއަކުން ކުރިމަތިލާން ބޭނުން ނަމަ ކުރިން ލީ ފޯމު ބާތިލް ކުރުމަށް ފަހު އަލުން ލެވިދާނެ އެވެ. ސިވިލް ސާވިސް މުވައްޒަފުންނަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 1،000 ފްލެޓެވެ. އެއީ މި 7،000 ފްލެޓުގެ ތެރޭގައި ހިމެނޭ ބައެކެވެ. އެހެންވެ ބާކީހުރި ކެޓަގަރީތަކަށް ކުރިމަތިލާ ފަރާތްތަކަށް ފްލެޓު ލިބޭނީ 6،000 ފްލެޓުގެ ތެރެއިންނެވެ.

މިނިސްޓަރު ވިދާޅުވީ ފްލެޓަށް ކުރިމަތިލުމުގައި 40 އަހަރުގެ އުމުރު ކަނޑައަޅާފައި ވާނީ ހަމައެކަނި ޒުވާނުންގެ ކެޓަގަރީގައި ކަމަށެވެ. އެ ނޫން އެހެން ހުރިހާ ކެޓަގަރީއަކުން 18 އަހަރުން މަތީ ކައިވެނިކޮށްގެން އުޅޭ ކޮންމެ ފަރާތަކަށް ވެސް ކުރިމަތިލެވޭނެ ކަމަށެވެ.

އަލަތު ކައިވެނިކޮށްގެން އުޅޭ މީހުންގެ ގޮތުގައި ބަލާނީ 11 ނުވެމްބަރު 2013 އިން ފެށިގެން 31 ޖުލައި 2018 އާ ހަމަޔަށް ކައިވެނިކޮށްފައިވާ ފަރާތްތަކަށެވެ. އަދި އެކަނިވެރި މައިންނާއި ބަފައިންގެ ގޮތުގައި ބަލާނީ އޭޕްރިލް މަހުގެ 30 ވަނަ ދުވަހުގެ ކުރިން ވަރި ސާބިތު ކުރުން ފަދަ މަރުހަލާތައް ނިމިފައި ހުރި މީހުންނެވެ. ޑޮކްޓަރުންނާއި ނަރުހުން އަދި ޓީޗަރުން ފަދަ ވަޒީފާތަކުގެ ކެޓަގަރީތަކުގައި އިސްކަން ދޭނީ އެ ވަޒިފާއެއް އަދާކުރާތާ 10 އަހަރުވެފަައިވާ ފަރާތްތަކަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކޮންމެ މީހަކަށްވެސް ފްލެޓަށް ކުރިމަތިލެވޭނީ ކޮންމެސް އެއް ކެޓަގަރީއަކުންނެވެ.

ފްލެޓު ލިބޭ ފަރާތްތައް އަންނަ އޮގަސްޓު މަހުގެ ތެރޭގައި ކަނޑައެޅޭއިރު ފޯމު ލުމުގެ މުއްދަތު ހަމަވުމާއި އެކު ފޯމުތައް ބެލުމަށް ފަހު މިނިސްޓްރީގެ ޓީމުތައް ގޭގެއަށް ހާލަތު ބެލުމަށް ޒިޔާރަތް ކުރަން ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ފޯމް ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ ޖުލައި 31 ވަނަ ދުވަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް