ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅު ނަމަ އެމަނިކުފާނަށް ސިޔާސީ ގޮތުން ގެއްލުން ނުވާނެ ގޮތަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ދޫ ދެއްވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ވެރިކަން ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މައުމޫން ހައްޔަރު ކުރީ މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ އެވެ. މިހާރު އެމަނިކުފާނާއި ދެކޮޅަށް ވަނީ ޓެރިރަޒަމްގެ ދައުވާ އާއި އެކި ފޮރުވުމުގެ ދައުވާ އުފުލާފައި އެވެ.
ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް މައުމޫނާ މެދު އަމަލު ކުރައްވަމުން ގެންދަވަނީ ޒަމާނުއްސުރެ ރާއްޖޭގެ ވެރިން ކަން ކުރައްވާފައިވާ ގޮތާ ވަރަށް ދުރުން ކަމަށެވެ. އަދި ބޭނުންފުޅުވާނަމަ ސިޔާސީ ގޮތުން ގެއްލުން ނުވާގޮތަށް ދޫދެއްވޭނެ ކަމަށެވެ.
"މަނިކުފާނަށް (ރައީސް ޔާމީނަށް) ސިޔާސީ ގެއްލުން ނުވާ ގޮތަކަށް ރައީސް މައުމޫނަށް ދޫދެއްވޭނެ،" ނަޝީދު ވިދާޅުވެފައިވެ އެވެ.
https://twitter.com/MohamedNasheed/status/992963826449444864
ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ރައީސް މައުމޫނުގެ ސިއްހީ ހާލުކޮޅު ވަރަށް ގޯސްކަމަށް އާއިލާއިން ބުނެފައިވަނިކޮށެވެ. އަދި އެމަނިކުފާނު އެކަނި އެކަހެރިކޮށް ނުބެހެއްޓުމަށް ޖަލަށް ގެންދިޔަ ފަހުން ޑޮކްޓަރުން އިލްތިމާސްކޮށްފައިވާ ކަމަށް އާއިލާއިން ބުނެފައިވަނިކޮށެވެ.
ފަހަރުގައި ރައީސް ނަޝީދު އެ ވިދާޅުވީ އެމަނިކުފާނަށް ދެއްކިފަދަ ލުޔެއް ދެއްވުމަށެވެ. ޓެރަރިޒަމްގެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި 13 އަހަރަށް ޖަލަށް ލާން ހުކުމް ކުރުމަށް ފަހު ޖަލުގައި ދުވަސްކޮޅެއް ހޭދަ ކުރުމަށް ފަހު އޮޕަރޭޝަނެއް ކުރުމަށް ސަރުކާރުން ވަނީ ނަޝީދަށް އިނގިރޭސިވިލާތަށް ދިއުމުގެ ހުއްދަ ދީފަ އެވެ.
ނަޝީދު މިހާރު ދިރިއުޅުއްވަނީ އިނގިރޭސިވިލާތުގައި އެ ގައުމުގެ ސިޔާސީ ހިމާޔަތް ހޯއްދަވައިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް