ގަވައިދުން މައްސަރު ނުވުމަކީ ބައެއް އަންހެނުންނަށް ދިމާވާ ވޭން ހުރި މައްސަލައެކެވެ. އޭގެ ސަބަބުން ބަނޑުގައި ރިއްސާ، ބޮލުގަ ރިއްސާ އަދި ހޮޑުލެވޭ މީހުން އުޅެ އެވެ.
ދިރާސާތަކުގައި ބުނާގޮތުގައި އެއް މަހު މައްސަރު ނުވެ ހުރުމަކީ މައްސަލައެއް ނޫނެވެ. އެކަމަކު ދެ މަސް ނުވަތަ ތިން މަސް ފަހުން ނުވަތަ އެއަށްވުރެ ގިނަ ދުވަސް ވަންދެން ނުވެ ހުރުމަށް ފަހު މައްސަރު ވާނަމަ އެއީ މައްސަލައެކެވެ. ގަވައިދުން މައްސަރު ވާ މީހުންނަކީ ކޮންމެ 28 ދުވަހަކުން މައްސަރުވާ މީހުންނެވެ.
މައްސަރު ވުމުގައި މައްސަލަ ދިމާވާ ސަބަބުތަކުގެ ތެރޭގައި ގަވައިދުން ނުކެއުމާއި ބޭނުން ކުރެވޭ ބޭހެއް ނުވަތަ މާ ގިނައިން ކަސްރަތު ކުރުން ހިމެނެ އެވެ. އެކަމަކު މި މައްސަލަ ހައްލު ކުރުމަށް ގޭގައި ކުރެވިދާނެ ކުދި ކުދި ކަންކަން އެބަ ހުއްޓެވެ.
އިނގުރު ހިނމުން ކުރުމަށް ފަހު ފެން ކޮޅަކަށް އަޅައިގެން ފަސް މިނެޓު ވަންދެން ކައްކާލާށެވެ. އެއަށް ފަހު މާމުއި އަޅައިގެން ކޮންމެ ދުވަހެއްގެ ތިން އިރުގެ ކެއުމަށް ފަހު ބޯލާށެވެ. އޭރުން ރަހިމަށް ލުއި ލިބޭނެ އެވެ.
ދަވިއްގަނދަކީ މައްސަރު މައްސަލަ ހައްލު ކުރުމުގެ އިތުރުން މައްސަރުވެގެން އުޅޭއިރު ބަނޑުގައި ރިއްސާތީ ކެއުމަށް ރަނގަޅު އެއްޗެކެވެ. ރޭގަނޑު ނިދުމުގެ ކުރިން ހުސް ފެންތަށްޓަކަށް ދަވިއްގަނދު ދެ ސަމްސާ އަޅާލާށެވެ. ހެނދުނު ތެދުވެ ކޮންމެ ދުވަހަކު އެ ބޯލަން އާދަ ކުރާށެވެ. މަހެއްހާ ދުވަސް ވަނދެން ކޮންމެ ދުވަހަކު ދަވިއްގަނދު ފެން ބޯޑަނަމަ މައްސަރު މައްސަލަ ހައްލުވާނެ އެވެ.
ގިނަގިނައިން ތަރުކާރީ އާއި މޭވާގައި ޖޫސް ގިރައިގެން ބޯށެވެ. އެއީ މައްސަރުވުމުގައި މައްސަލަ ދިމާވާ ކަންކަމުގެ ތެރޭގައި ހަށިގަނޑަށް ބޭނުންވާ ވަރަށް ނިއުޓްރިޝަން ނުލިބުން ހިމެނޭތީ އެވެ. މީގެ ތެރެއިންވެސް ކެރެޓާއި މޭބިސްކަދުރު ޖޫހަކީ ފައިދާ ހުރި ދެ ޖޫހެވެ.
ބައެއް ދިރާސާތަކުގައި ބުނެފައިވާގޮތުގައި މައްސަރު ވުމުގެ މައްސަލަ އެންމެ ބޮޑަށް ދިމާވަނީ ލޭގައި ހަކުރު ހުންނަ މިންވަރަށް އަންނަ ބަދަލަކާއި ގުޅިގެންނެވެ. އެކަން ހައްލު ކުރުމަށް ރަހަ ގަދަ އެއްޗެހި ބުއިމަށް އާދަ ކުރާށެވެ. ވިނިގާ ކަހަލަ އެއްޗިއްސަކީ ރަނގަޅު ބުއިންތަކެވެ. ކޮންމެ ދުަވަހަކު ދެ ސަމްސާ ވިނިގާ ފެންތަށްޓަކަށް އެޅުމަށް ފަހު ކެއުމު ކުރިން އެ ތަށި ބޯލާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް