ލަނޑާގިރާވަރުގައި ސަބްމެރިންގެ ހިދުމަތް ދޭން ފަށައިފި

ބ. އަތޮޅުގައި ހިންގާ ފޯސީޒަންސް ލަނޑާ ގިރާވަރުގައި ސަބްމެރިންގެ ހިދުމަތް ދޭން ފަށައިފި އެވެ. މި ހިދުމަތް އެ ރިސޯޓުގައި ފަށާފައިވަނީ މިމަހުގެ ތިން ވަނަ ދުވަހު އެވެ. މިއީ ކުދި ސަބްމެރިން އުފެއްދުމަށް މަ...

06 May 2018 | 02:36

ބ. އަތޮޅުގައި ހިންގާ ފޯސީޒަންސް ލަނޑާ ގިރާވަރުގައި ސަބްމެރިންގެ ހިދުމަތް ދޭން ފަށައިފި އެވެ.

މި ހިދުމަތް އެ ރިސޯޓުގައި ފަށާފައިވަނީ މިމަހުގެ ތިން ވަނަ ދުވަހު އެވެ. މިއީ ކުދި ސަބްމެރިން އުފެއްދުމަށް މަޝްހޫރު އޯޝަން ގްރޫޕް ކުންފުނިން އުފައްދާފައިވާ ސަބްމެރިން އެކެވެ.

ޑީޕް ފްލައިޓް ސުޕަ ތްރީއެސް ނަން ދީފައިވާ މި ސަބްމެރިންގައި އެއް ފަހަރާ ތިން މީހުންނަށް ދަތުރު ކުރެވެ އެވެ. އެކަމަކު ކޮންމެ ދަތުރަކު ފަތުރުވެރިންގެ ގޮތުގައި ގެންދާނީ ދެމީހުންނެވެ. އަނެއް މީހާ އަކީ އެ ދެމީހުންނަށް މައުލޫމާތު ދޭ މީހާ ކަމަށްވާ ސަބްމެރިން ދުއްވާ ޕައިލެޓެވެ. މި ސަބްމެރިން އަކީ ޕައިލެޓާއި ފަތުރުވެރިންނާއި ވާހަކަ ދައްކާ ހެދޭ ގޮތަށް ފަރުވާ ކޮށްފައިވާ ސަބްމެރިން އެކެވ.

https://www.youtube.com/watch?v=Ab-nADixesc

އެ ކުންފުނިން ބުނެފައިވަނީ ސަބްމެރިން އަކީ 120 މީޓަރު އަޑިއަށް ދަތުރުކުރެވޭ ސަބްމެރިންއެއް ކަމަށެވެ. މި ސަބްމެރިން އަކީ ތިމާވެއްޓާ ރަހުމަތްތެރި ގޮތަކަށް އުފައްދާފައިވާ އަދި ބެޓެރި އަކުން އޮޕަރޭޓް ކުރާ ގޮތަށް ތައްޔާރުކޮށްފައިވާ ސަބްމެރިން އެކެވެ.

މި ހިދުމަތުގެ ސަބަބުން ޓޫރިސްޓުންނަށް ނުތެމި ރާއްޖޭގެ ކަނޑުގެ ރީތި މަންޒަރުތައް ބަލައިލުމުގެ ފުރުސަތު ލިބިގެންދާ އެވެ.

އެ ކުންފުނިން ބުނީ މި ސަބްމެރިންގައި ކަނޑު އަޑި ބަލަންދާ ފަތުރުވެރިންނަށް ދައްކާލާ އެންމެ ހާއްސަ ތަނަކީ ބ. އަތޮޅުގައި އޮންނަ ޔުނެސްކޯގެ ބައޮސްފިޔާ ރިޒާވް ކަމަށެވެ. އަދި އަޑީގައި ދަތުރު ކުރުަމުންދާއިރު އެތަނުގެ މުރަކަތަކާއި މަސްމަހާއި މެހީގެ މައުލޫމާތު ފަތުރުވެރުންނަށް ދެމުންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މި ސަބްމެރިންގައި އިންނައިރު ކަނޑުގެ މަންޒަރުތައް 360 ޑިގްރީ އިން ފެންނާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް