ކެންސަރު ޖެހިގެން ފަރުވާ ކުރުމަށް ފިލްމީ ދާއިރާ އާއި ދުރުގަ ހުރުމަށް ފަހު އެނބުރި އައިސް މިހާރު މަސައްކަތް ކުރަމުންދާ ފިލްމުގެ ޝޫޓިންގައި އަބަދު ހުންނަނީ ބިރުގަނެގެން ގޮސް ބަނޑުން އަޑު ގޮވަ ގޮވަ ކަމަށް ބޮލީވުޑްގައި ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ މަނީޝާ ކޮއިރަލާ ބުނެފި އެވެ.
މަނީޝާ ދެން އެންމެ އަވަހަށް ފެނިގެންދާނީ "ޑިއާ މާޔާ" އިންނެވެ. އެ ފިލްމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު ފިލްމުގެ ޓްރެއިލާ އާންމު ކުރުމަށް ބޭއްވި ހަފްލާގައި ނޫސްވެރިންނަށް މައުލޫމާތު ދެމުން މަނީޝާ ބުނީ ބޮލީވުޑް މިހާރު ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށެވެ.
މަނީޝާ ބުނީ ދުވަސްކޮޅަށް ބޮލީވުޑާ ދުރުގައި އުޅުމަށް ފަހު އައިސް އަލުން ފެށުމުން ޒަމާނާ އެއްގޮތަށް އޭނާވެސް ބަދަލުވާން ޖެހިފައިވާ ކަމަށެވެ. އަދި އެ ބަދަލުތަކާއި އެކު މަސައްކަތް ކުރަން ޖެހުމުން މަންޒަރުތައް ނަގަމުންދާއިރުވެސް ހުންނަނީ ހާސްކަން މަތީގައި ކަމަށް އޭނާ ބުނެފައިވެ އެވެ.
އިތުރަށް ބުނެފައިވަނީ އެކަން ޑައިރެކްޓަރަށް ފާހަގަވެދާނެތީ ކަންބޮޑުވާ ކަމަށާއި ހާސްވުން އިތުރުވާވަރަކަށް ބަނޑުގައި ރިއްސާ ބަނޑަށް އުނދަގޫވާގޮތްވާ ކަމަށެވެ. "ޑިއާ މާޔާ" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ދެ ވަނަ ދުވަހު އެވެ.
މަނީޝާގެ އޯވަރީއަށް ކެންސަރު ޖެހިފައިވާކަން އެނގުނީ 2012 ވަނަ އަހަރު އެވެ. ކެންސަރު ޖެހުމުން އިންޑިއާގައި އޮޕަރޭޝަން ކުރުމަށް ފަހު، އޭނާ ވަނީ ފަހުން އިނގިރޭސިވިލާތަށް ކީމޯ ތެރެޕީ ހަދަން ގޮސްފައި އެވެ. އެ ގައުމުގައި ދެ ތިން އަހަރު ހޭދަކުރުމަށް ފަހު އެނބުރި އައިސް މަނީޝާ ވަނީ އޭނާ ކެންސަރު ބަލިން ސަލާމަތްވެފައިވާކަން އިއުލާނުކޮށްފައި އެވެ.
"ޑިއާ މާޔާ"ގެ އިތުރުން ސަންޖޭދަތުގެ ހަޔާތުގެ މައްޗަށް ތައްޔާރު ކުރާ ފިލްމުގައި ސަންޖޭ ދަތުގެ މަންމަގެ ރޯލުން އޭނާ ފެނިގެންދާނެ އެވެ. އެކަމަކު އެއީ ވަރަށް ކުޑަ ތަންކޮޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް