ގޮތް ހުސްވެ އަވަގުރާނައާއެކު ޓްރަމްޕް ދިން އިންޒާރު މިރޭ ފަތިހަށް ހަމަ ވާނެ! އީރާނުން މާ ބޮޑު ސަމާލުކަމެއް ނުދިން!

ހުރމުޒު ކަނޑުއޮޅި ނުހުޅުވައިފި ނަމަ އީރާނުގެ ކަރަންޓު ފެސިލިޓީތަކާއި ބުރިޖުތައް ގޮއްވާލާނެ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަގުރާނައާ އެކު ދިން އިންޒާރުގެ ސުންގަޑި، ރާއްޖޭ ގަޑިން މިރ...

06 Apr 2026 | 02:44
N/A

N/A

ހުރމުޒު ކަނޑުއޮޅި ނުހުޅުވައިފި ނަމަ އީރާނުގެ ކަރަންޓު ފެސިލިޓީތަކާއި ބުރިޖުތައް ގޮއްވާލާނެ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަގުރާނައާ އެކު ދިން އިންޒާރުގެ ސުންގަޑި، ރާއްޖޭ ގަޑިން މިރޭ ފަތިހު 5:00 އަށް ހަމަވާނެއެވެ.

ނަމަވެސް އީރާނުގެ އަސްކަރީ ކޮމާންޑުން މި އިންޒާރު ސިފަކުރީ "ގޮތް ހުސްވެ، ހާސްވެ، ބެލެންސް ގެއްލިފައި ހުރި މީހެއްގެ ބުއްދި ކޮށި އަމަލެއް"ގެ ގޮތުގައެވެ.

ޓްރަމްޕް ޓްރޫތް ސޯޝަލްގައި އާދީއްތަ ދުވަހު ލިޔުނީ "އަންގާރަ ދުވަހަކީ ޕަވާ ޕްލާންޓް ޑޭ އަދި ބްރިޖް ޑޭ" ކަމަށާއި "ކަނޑުއޮޅި ހުޅުވާށޭ، ނޫނީ ނަރަކައިގައި އުޅެން ޖެހޭނެ" ކަމަށެވެ. މީގެ އެއް ދުވަސް ކުރިން ހޮނިހިރު ދުވަހު ވެސް ޓްރަމްޕް ބުނީ ހުރމުޒު ކަނޑުއޮޅި ހުޅުވާން ދިން 10 ދުވަހުގެ މުހުލަތު ހަމަވަނީ ކަމަށާއި "48 ގަޑިއިރު ތެރޭ ނަރަކަފަދައިން އިރާނު މަތިން އަލިފާން ފައިބާނެ" ކަމަށެވެ.

އީރާނުގެ މައި އަސްކަރީ ކޮމާންޑް، ޚަތަމުލްއަންބިޔާ ހެޑްކުއާޓާޒްގެ ތަރުޖަމާނު އިބްރާހީމް ޒުލްފަޤާރީ ބުނީ "ހަނގުރާމަ ފުޅާވެއްޖެ ނަމަ މުޅި ސަރަހައްދު އެމެރިކާއިން އެބުނާ ނަރަކައަކަށް ވާނެ" ކަމަށާއި "އީރާނު ބަލިކުރެވިދާނެ ކަމީ ވަހުމެއް" ކަމަށެވެ. ޚާރިޖީ ވަޒީރު އައްބާސް އަރާޤީ ވެސް ބުނީ އާންމު ތަންތަނަށް ހަމަލާ ދިނަސް "އީރާނު މީހުން ކުޑަކަކޫ ޖެހުމަށް މަޖުބޫރެއް ނުކުރެވޭނެ" ކަމަށެވެ.

ކަނޑުއޮޅީގެ މައްސަލައިގައި ވެސް އީރާނުން ޓްރަމްޕް ޑިމާންޑް ކުރާ ގޮތަށް ފުރިހަމައަށް ކަނޑުއޮޅި ހުޅުވައެއް ނުދެއެވެ. އޭގެ ބަދަލުގައި "ޒަރޫރީ މުދާ" އުފުލާ އުޅަނދުފަހަރަށް ހުއްދަ ދޭނެ ކަމަށް ބުނެ، އިރާޤަށް އެކަނި ކަނޑުއޮޅި ބޭނުންކުރުމުގެ އިސްތިސްނާއެއް ދީފައިވެއެވެ.

ފާހަގަކޮށްލަން ޖެހެނީ ޓްރަމްޕް މީގެ ކުރިން ވެސް ތަކުރާރުކޮށް ސުންގަޑި ދީ ފަސްކޮށްފައިވާ ކަމެވެ. ފުރަތަމަ ސުންގަޑި ދިނީ މާޗް 21 ގައެވެ. ދެން މާޗް 26 ގައި 10 ދުވަހަށް ފަސްކޮށް، އެޕްރީލް ހައެއް ސުންގަޑިއެއް ކަމަށް ކަނޑައެޅިއެވެ. ނަމަވެސް ފޯން އިންޓަވިއުތަކުގައި ޓްރަމްޕް ބުނީ އެއްބަސްވުމަކަށް ނުދެވޭނަމަ މިފަހަރު ފިޔަވަޅު އަޅާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް