ކޯވިޑް-19 އާއި ގުޅިގެން ނާދެވި ބޭރު ގައުމުތަކުގައި ތަށިވެފައި ތިބި މީހުން ރާއްޖެ ގެނެސްދޭން ނަގަމުންދާ ޓިކެޓުގެ އަގަކީ މޯލްޑިވިއަންއަށް އެއްވެސް ފައިދާއެއް ނުލާ ވިއްކަމުންދާ ޓިކެޓުތަކެއް ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މޯލްޑިވިއަންގެ މާކެޓިން މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ މި ދަތުރުތަކުގައި މީހުން ބަލާ ބޯޓު އެ ގައުމުތަކަށް ދަނީ ހުސްކޮށް ކަމަށް ވާތީ ހަރަދު ބޮޑުވާ ކަމަށެވެ. އެކަމަކު ވިޔަފާޜި އުސޫލުން މި ދަތުރުތަކަށް ޓިކެޓު ވިއްކަމުން ނުދާކަމަށް ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ ދަތުރުތައް ކުރަނީ އެކަމަށް ކުރާ ހޭދަ ކަވަރުވާ ގޮތަށް އެކަނި ކަމަށާއި ވިޔަފާރި އުސޫލުން ކުރާ އަގުތައް މާ ބޮޑުވާނެ ކަމަށް ވިދާޅުވި އެވެ. މިހާރު ޓިކެޓު ވިއްކާ އަގަކީ ތެލާއި ޓެސްކްއާއި އެނޫންވެސް ހިދުމްތަކަށް މިދުވަސްވަރު ނެގެން އޮތް އެންމެ ކުޑަ އަގު ކަމަށް އޭނާ ވިދާޅުވި އެވެ.
ގައުމުތަކުގައި ތާށިވެފައި ތިބި ދިވެހިން ގެންނަން މިހާތަނަށް މޯލްޑިވިއަނުން ވަނީ ސްރީލަންކާ އާއި އިންޑިއާގެ ކޮޗިންއަށް ދަތުރުކޮށްފައި އެވެ. އަދި ބުދަ ދުވަހު މެލޭޝިޔާގައި ތިބި ދިވެހިން ގެނައުމަށް ދަތުރެއް ކުރުމަށް ވަނީ ހަމަޖެހިފައި އެވެ.
މީގެ ތެރެއިން ލަންކާ އަށް ކުރާ ދަތުރުތަކުގެ ޓިކެޓްގެ އަގަގީ 300 ޑޮލަރު (4،626 ރުފިޔާ) އެވެ. ކޮޗިންގެ ޓިކެޓު 264 ޑޮލަރު (4،086 ރުފިޔާ) އަށް އަދި މެލޭޝިއާގެ ޓިކެޓް ވިއްކަނީ 330 ޑޮލަރު (5،088 ރުފިޔާ) އަށެވެ.
މޯލްޑިވިއަންއިން ބުނީ އެ ގައުމުތަކުގައި ރާއްޖެ އަންނަން ބޭނުންވެފައި ތިބި ހުރިހާ ދިވެހިން ގެނެވެންދެން ދަތުރުތައް ބާއްވާނެ ކަމަށެވެ. އަދި ކުރިޔަށް އޮތްތާ ދިވެހިން ގެނައުމަށް ކުރާ ދަތުރުތަކުގެ ޓިކެޓު ވިއްކާ އަގު ކުޑަކުރެވޭތޯ ކަމާ ގުޅުންހުރި އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަސް އިން ސަލާމަތްވާން މި ސަރަހައްދުގެ އިތުރުން ދުނިޔޭގެ ހުރިހާ އެއާޕޯޓުތަކެއްހެން ވަނީ ބަންދުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް