ގާނޫނު އަސާސީ އިސްލާހު ކުރުމަކަށް ހުރަހެއް ނެތް: އެޓާނީ ޖެނެރަލް

ގާނޫނު އަސާސީ އިސްލާހު ނުކުރެވޭނެ އެއްވެސް ހާލަތެއް ރާއްޖޭގައި ނެތް ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެ އެވެ. އޭޖީ މިހެން ވިދާޅުވެފައި މިވަނީ ކައުންސިލްތަކުގެ ދައުރު ހަމަވާތީ ކައުނ...

06 Apr 2020 | 10:20

ގާނޫނު އަސާސީ އިސްލާހު ނުކުރެވޭނެ އެއްވެސް ހާލަތެއް ރާއްޖޭގައި ނެތް ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެ އެވެ.

އޭޖީ މިހެން ވިދާޅުވެފައި މިވަނީ ކައުންސިލްތަކުގެ ދައުރު ހަމަވާތީ ކައުންސިލްތަކުގެ މުއްދަތު ދިގު ދަންމާލަން ސަރުކާރު ފަރާތުން ހުށަހެޅި ބިލާ ގުޅޭގޮތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސުވާލު އުފައްދާ ވާހަކަފުޅު ދައްކަވާފައި ވަނިކޮށެވެ. ރާއްޖޭގައި ކުއްލި ނުރައްކަލު ހާލަތު އިއުލާނު ކޮށްފައިވާ މި ދަނޑިވަޅުގައި ގާނޫނޫ އަސާސީއަށް އިސްލާހު ގެނެވިދާނެތޯ ނަޝީދު މިއަދުގެ ޖަލްސާގައި ސުވާލު ކުރެއްވި އެވެ.

މިކަމާ ގުޅިގެން ރިފްއަތު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގާނޫނު އަސާސީ އިސްލާހު ކުރުމަކަށް އެއްވެސް ގާނޫނީ ހުރަހެއް ނެތް ކަމަށެވެ. އޭނާ ވިދާޅުވީ ރައިސުލްޖުމްހޫރިއްޔާ ގާނޫނު އަސާސީގެ253 ވަނަ މާއްދާގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި އިއުލާނު ކުރައްވާފައި ނުވާ ކަމަށެވެ.

އިތުރަށް ވިދާޅުވެފައިވަނީ މިހާރު މިއޮތް ކައުންސިލްތަކުގެ ދައުރު ޖޫން ތިން ވަނަ ދުވަހަށް ހަމަވާނެ ކަމަށެވެ. އަދި އޭގެ ފަހުން ކައުންސިލްތައް ދެމި އޮންނާނީ ގާނޫނު އަސާސީ އިސްލާހު ކޮށްގެން ކަމަށެވެ.

https://twitter.com/ibriffath/status/1247095245902249987

މިވަގުތު ރާއްޖޭގައި އިއުލާނުކޮށްފައި އޮތީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެވެ. މި ހާލަތުގެ ދަށުން އެއްވެސް އަސާސީ ހައްގެއް ހިފެހެއްޓުމުގެ ބާރެއް ނޯވެ އެވެ. އަދި އެކަން މަޖިލީހުން ފާސް ކުރާކަށް ވެސް ނުޖެހެ އެވެ.

ގާނޫނު އަސާސީގެ ދަށުން ރައީސް އިއުލާން ކުރައްވާ ކުއްލި ނުރައްކަލުގެ ހާލަތަކީ ހަނގުރާމަވެރި ހާލަތެއް ނުވަތަ ބަލިމަޑުކަމެއްގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތް ކުރުމަށްޓަކައި ރައީސް އިއުލާން ކުރައްވާ ހާލަތެކެވެ. އެ ހާލަތުގައި، ގާނޫނު އަސާސީން ލިބިދޭ ބައެއް އަސާސީ ހައްގުތަކާއި މިނިވަންކަން ހިިފެހެއްޓުމުގެ ބާރު ރައީސަށް ލިބިވަޑައިގަންނަވަ އެވެ. އަދި ވަކި މުއްދަތެއްގެ ތެރޭގައި އެކަން މަޖިލީހުން ފާސްކުރަން ވެސް ޖެހެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް