ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބަންގްލަދޭޝްގެ މީހުން އަނބުރާ އެ މީހުންގެ ގައުމަށް ގެންދިއުމުގައި އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެދިވަޑައިގެންފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ، އެ ކަމަށް ޝާހިދު އެދިވަޑައިގަތީ ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަތަކުގައި ކަމަށެވެ. ޝާހިދު ވިދާޅުވި ގޮތުގައި، ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ރެގިއުލަރައިޒް ކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށައިފަ އެވެ. އަދި ކޮރޯނާވައިރަސް ރާއްޖޭގައި ފެތުރިއްޖެ ނަމަ، އެ ވައިރަހުގެ ނުރައްކާ އެންމެ ބޮޑުވާނެ އެއް ބަޔަކީ ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ކަމަށް ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރުގެ އަރިހުގައި ދެންނެވިކަމަށް މިނިސްޓްރީން ބުނެ އެވެ.
ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރާ ހަވާލާ ދީ، ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބަންގްލަދޭޝްގެ މީހުން އަނބުރާ ގައުމަށް ގެންދިއުމަށް ދިވެހި ސަރުކާރަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް