މަސްތުވާތަކެއްޗާއި ދެކޮޅަށް އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ހިންގަމުންދިޔަ އޮޕަރޭޝަނެއްގެ ދަށުން، ބަނގުރާ ކައްކަން ބޭނުންކުރާ ސާމާނުކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މި އޮޕަރޭޝަނުގެ ދަށުން ބަނގުރާ ކައްކަން ބޭނުންކުރާ ތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި ހަ ހަމުގެ އިތުރުން ޝައްކުކުރެވޭ އިތުރު ސާމާނު ވަނީ ފުލުހުން ހޯދާފައެވެ. މި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ ހިތަދޫ ފަޅުގެއެއްގެ ތެރެއިން މާރޗް 3 ވަނަ ދުވަހުގެ 11.30 ހާއިރުއެވެ.
ފުލުހުން އެރަށުގެ ފަޅުގެތައް ބަލާ ފާސްކުރަންފެށީ، ހިތަދޫގައި ބަޔަކު ބަނގުރާ އުފައްދަން އުޅޭކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމުންނެވެ.
މި މައްސަލައާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކުރެވިފައި ނުވާކަމަށް ހިތަދޫ ޕޮލިސް ސްޓޭޝަން އިން މައުލޫމާތުދެއެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް