ދިގުރަށް މޯލްޑިވްސް ހުޅުވަން ލައިސެންސް ދީފި

ދެ ރިސޯޓެއްގެ ދެމެދު އަޅާފައިވާ އެންމެ ދިގު ބުރިޖުން އަޅައި ގުޅާލާފައިވާ ގއ. ދިގުރަށް ހުޅުވަން ޓޫރިޒަމް މިނިސްޓްރީން އިއްޔެ ލައިސަންސް ދީފި އެވެ. ސިންގަޕޫރުގެ ބޮނަވިސްޓާ ކުންފުނިން ތަރައްގީކޮށްފައިވާ ...

06 Mar 2019 | 06:12

ދެ ރިސޯޓެއްގެ ދެމެދު އަޅާފައިވާ އެންމެ ދިގު ބުރިޖުން އަޅައި ގުޅާލާފައިވާ ގއ. ދިގުރަށް ހުޅުވަން ޓޫރިޒަމް މިނިސްޓްރީން އިއްޔެ ލައިސަންސް ދީފި އެވެ.

ސިންގަޕޫރުގެ ބޮނަވިސްޓާ ކުންފުނިން ތަރައްގީކޮށްފައިވާ ބޮޑު މި ރިސޯޓުގެ ތަރައްގީ ކުރުމުގެ އަމަލީ ހުރިހާ މަސައްކަތެއް ކޮށްފައިވަނީ ދިވެހި ކުންފުންޏެއް ކަމަށްވާ ހޮޓެލް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން (އެޗްއާރްސީ) އިންނެވެ. -- އެޗްއާރުސީއަކީ ބޮނަވިސްޓާ ކުންފުނިން ރާއްޖޭގައި ހިިންގާ ވިޔަފާރީގެ މަސައްކަތްތަކުގެ އެއް ޕާޓްނަރެވެ.

"ރެސިޑެންސް މޯލްޑިވްސް އެޓް ދިގުރަށު" ގެ ނަމުން ބްރޭންޑް ކޮށްފައިވާ މި ފުރިހަމަ ރިސޯޓުގައި 173 ކޮޓަރި ހުރެ އެވެ. މިއީ ދިވެހި އެއް ކޮންޓްރެކްޓަރަކު މިހާތަނަށް ހިންގި އެންމެ ބޮޑު އެއް މަޝްރޫ އެވެ. މީގެ ކުރިން ދިވެހި ކޮންޓްރެކްޓަރުން އާއްމު ގޮތެއްގައި މަސައްކަތް ކުރަނީ ރިސޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުތަކުގެ ބައިތަކުގަ އެވެ.

ގާތްގަނޑަކަށް 1.5 ކިލޯ މީޓަރުގެ ދިގު ބްރިޖަކުން ގުޅާލާގައިވާ ރެސިޑެންސް މޯލްޑިވްސް ދިގުރަށް މެނޭޖުކޮށް ބަލަހައްޓަނީ މަޝްހޫރު ހޮޓެލް ބްރޭންޑް ސެނިޒާރޯ އިންނެވެ. އަދި މި ރިސޯޓު ހުޅުވުމުގެ ރަސްމިއްޔާތުގެ ތާރީހު ވަރަށް އަވަހަށް އިއުލާނު ކުރާނެ އެވެ.

ސެނިޒާރޯ ކުންފުނީގެ ޑިރެކްޓަރު ގްރޭ ޒީ މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ރެސިޑެންސް މޯލްޑިވްސް ދިގުރަށް ރިސޯޓްގައި ޓޫރިސްޓުންނަށް މަރުހަބާ ކިޔުމަށް ގިނަ ކަންތައްތަކެއް ރާވާނެ އެވެ.

ގއ. އަތޮޅުގައި އޮތް އެންމެ ބޮޑު އެއް ފަޅުރަށް ކަމަށްވާ ދިގުރަށުގައި ހަދާ ރެސިޑެންސް ބްރޭންޑުގެ މި ރިސޯޓަކީ ސެނިޒާރޯ ކުންފުނިން ރާއްޖޭގައި ހުޅުވާ ދެވަނަ ރިސޯޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް