އަންބަކާއި ދެ ދަރިންނަށް ޚަރަދުކުރަން 2000 ރުފިޔާ އިން މި ޒަމާނުގައި ފުދޭނެ ހެއްޔެވެ؟ ލޯފަން މީހެއް ކަމުން ސަރުކާރުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދޭ 2000 ރުފިޔާ ނޫނީ ނުލިބެއެވެ. މިއީ ލ.ފޮނަދޫއަށް އުފަން މުހައްމަދު ޝަރީފްގެ ވާހަކައެވެ.
ވޭތުވެދިޔަ ދުވަސްތަކުގައި ޝަރީފް ދިޔައީ ވަޒީފާއަކަށް އެދި އާދޭސްކުރަމުންނެވެ. ނުވަތަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އިނާޔަތް ބޮޑުކޮށްދިނުމަށް އެދި އާދޭސްކުރަމުންނެވެ. މީސް މީޑިއާގައިވެސް ޝަރީފް ދިޔައީ ހިތުގައިވާ އުދާސްތައް ބަންޑުން ކުރަމުންނެވެ. ނަމަވެސް އަލިމަގެއް ނުފެނުނެވެ. ލޯފަން މީހަކަށް ވީ ނަމަވެސް ތިމަންނައަށް ކުރެވޭނެ ކަންކަން ހުންނާނެ ކަމަށް ޝަރީފް ދިޔައީ ތަކުރާރުކޮށް ބުނަމުންނެވެ. ޝަރީފް ބުނިގޮތުގައި ލޯފަން މީހެއް ނަމަވެސް ކޮންމެވެސް ކޮމްޕެނީ އެއްގެ ކޯލް ސެންޓަރުގައި އޭނާ އަށް މަސައްކަތް ކުރެވިދާނެއެވެ. ނުވަތަ ލޭބަރާއެއްގެ މަސައްކަތްވެސް ހެވެވެ. އަދި ސަނަދެއް ނެތަސް، އިމާމެއްގެ ވަޒީފާވެސް އަދާކުރެވޭނެ ކަމަށް އޭނާ ދިޔައީ ބުނަމުންނެވެ. ނަމަވެސް ވަޒީފާއެއް ހޯދުމުގައި ކުރިމަގެއް ނުފެނުނެވެ.
މިހާތަނަށް ޝަރީފް އޭނާގެ އާއިލާ ބަލަމުންދިޔައީ ސަރުކާރުން ޙާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދޭ އިނާޔަތުންނެވެ. އަންބަކާއި ދެ ދަރިންނަށް ޚަރަދުކުރަން 2000 ރުފިޔާ އަކީ ވަރަށް ކުޑަ ކުޑަ އެއްޗެއްކަން ކޮންމެ މީހަކަށް ވެސް އިނގޭނެއެވެ.
ޝަރީފް ދާދި ފަހުން މީސް މީޑިއާގައި ހިއްސާ ކޮށްފައިވާ ޕޯސްޓެއްގައި ވަނީ، އޭނާގެ އާމްދަނީ އިތުރުކުރުމަށް އަމިއްލަ މަސައްކަތެއް ފަށަން ކުޑަވަރެއްގެ ލޯނެއް ބެންކުން ނަގަން ކުރި މަސައްކަތްވެސް ނާކާމިޔާބުވެފައިވާ ކަމަށެވެ. އަދި އެވަރުގެ އެހީތެރިކަމެއް ދެވޭނެ ރަހުމަތްތެރިއެއްވެސް ނެތްކަމަށް އަސަރާއެކީ އޭނާ ވަނީ ކިޔާދީފައެވެ.
"އެހެންކަމުން އަޅުގަނޑު މިހާރު ގަސްތުކުރަނީ ބޮޑެތި ބަލިތައް ޖެހިގެން އެކި މީހުން އެމީހުންގެ ކިބައިގާ ބައްޔަށް ފަރުވާ ކުރާނެ މާލީ ގާބިލުކަން ނެތުމުން އެހީއަށް އެދި ފޮށި ބަހައްޓައިގެންނާއި، ސޯޝަލް މީޑިއާގަ ކެމްޕޭން ކުރާ ފަދައިން އެކަން ކުރާށެވެ" ސަބަބަކީ އޭނާ އަކީވެސް މިއަދު އެފަދަ އެހީތެރިކަމަށް ބޭނުންވެފައިވާ ބަލި މީހެއް ކަމުގައި މުހައްމަދު ޝަރީފް ބުނެފައިވެއެވެ.
ޝަރީފް ގެ އެދުމަކީ ޝަރީފް ގެ މި މަސައްކަތް ފެށުމަށް ވީހާވެސް ގިނަ މީހުންގެ އެހީތެރިކަން ދިނުމެވެ. އެހީ ދޭން ބޭނުންވާ މީހުން ޝަރީފް ގެ އެކައުންޓު ނަމްބަރަށް (7707463148101) ފައިސާ ފޮނުވުމަށް ޝަރީފް އެދެއެވެ. އަދި އިތުރު މައުލޫމާތެއް ބޭނުންވެއްޖެ ނަމަ 7979160 ނަމްބަރަށް ގުޅުމަށް ޝަރީފް އެދެއެވެ.
އަޅުގަނޑުގެ ދުޢާ އަކީ ޝަރީފް ގެ މި މަސައްކަތުގައި މާﷲ ބަރަކާތް ލެއްވުމެވެ. އަދި މިއަދަށްވުރެ އުފާ ފާގަތި އަދި ތަނަވަސް ދިރިއުޅެމެއް ޝަރީފްއަށް ކުރިޔަށް އޮތްތަނުގައި ލިބުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް