32 މިލިއަން ރުފިޔާގެ ހަޝިޝް އޮއިލްއާއެކު އިންޑިއާއިން ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
އެމީހާ ހައްޔަރުކޮށްފައިވަނީ ކޮޗިން އިން ރާއްޖެއަށް އަންނަ އުޅެނިކޮށް ކޮޗިން އެއާޕޯޓުންނެވެ.
މައުލޫމާތު ލިބޭގޮތުގައި ހައްޔަރުކޮށްފައިވަނީ ގއ ވިލިގިއްޔަށް ނިސްބަތްވާ 32 އަހަރުގެ މީހެކެވެ. އެމީހާގެ ނަމަކީ މުހައްމަދު ސޮބާހެވެ.
އޭނާ އަތުލައިގެންފައި ވަނީ 3.120 ކިލޯގެ ހަޝިޝް އޮއިލްއާއެކު އިންޑިއާ ފުލުހުން ބުނެފައި ވެއެވެ.
އިންޑިއާގެ ކަސްޓަމްސް ކޮމިޝަރ ސުމިތް ކުމާރްއާ ހަވާލާދީ އިންޑިއާ ނޫސްތައް ބުނާގޮތުގައި، ހައްޔަރުކުރި އެ މީހާއަކީ އިންޑިގޯ ފްލައިޓް 1787 އިން މާލެ ދަތުރުކުރަން އޮތް މީހެކެވެ. އަދި އޭނާ ޗެކްކިންވުމަށް އައި ތަނުން އޭނާ ގެންގުޅުނު ބެގޭޖް ތެރޭގައި ޑްރަގް ގެންގުޅޭކަން ތުހުމަތު ކުރެވިގެން ކޮޗިން އެއާޕޯޓްގެ ކަމާއި ބެހޭ ފަރާތްތަކުން ކުއްތާ ބޭނުންކޮށްގެން، ބެގޭޖްގައި މަސްތުވާތަކެތި ހުރިތޯ ޔަގީން ކުރިއެވެ.
އަދި އޭގެ ފަހުން ބެގޭޖްގެ އެތެރެ ބެލިއިރު، ޕްލާސްޓިކްގައި އޮޅާފައި ހުރި ހަޝިޝް އޮއިލް ފެނިފައިވާކަށް ކަސްޓަމްސް އިން ބުނެފައި ވެއެވެ.
އަދި އޭނާއަކީ ހުޅަނގު އޭޝިއާގެ ގައުމުތަކަށް މަސްތުވާތަކެތި އެތެރެ ކުރާ ނެޓްވޯކެއްގައި ހިމެނޭ ދިވެއްސެކަަމަށް ތުހުމަތުކޮށްފައި ވެއެވެ.
އޭނާގެ ޕާސްޕޯޓުން އެނގުނުގޮތުގައި، އޭނާ ކޮޗިން އަށް އައީ މީގެ ތިން ދުވަސް ކުރިންނެވެ. އަދި އޭނާ ޕްލޭން ކުރަމުންދިޔައީ، ރާއްޖެއިން ބަހްރެއިންއަށް އެ މަސްތުވާތަކެތި އެތެރެ ކުރަންކަމަށްވެސް ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް