ސްޓޭޓް އެސެޓްސް ރިކަވަރީ ކޮމިޝަނުން މިހާތަނަށް ކުރައްވާފައިވާ މަސައްކަތުން، ދައުލަތަށް ލިބެންޖެހޭ އެތައް ބިލިއަން ރުފިޔާއެއް މިހާރު ދެނެގަނެވިފައިވާކަމަށް އެ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
ސްޓޭޓް އެސެޓްސް ރިކަވަރީ ކޮމިޝަނުން މިހެން ވިދާޅުވީ އެކޮމިޝަނުގެ މަސައްކަތްތަކާއި ބެހޭގޮތުން މިއަދު ނެރުއްވި ނޫސް ބަޔާނެއްގައެވެ.
ސްޓޭޓް އެސެޓްސް ރިކަވަރީ ކޮމިޝަނުން ނެރުނު ނޫސް ބަޔާނުގައި، ހާމަކުރައްވާފައިވާ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބިވާ ގިނަ ޢަދަދެއްގެ ފައިސާއަކީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އެކިފަރާތްތަކުން ދައްކަންޖެހޭ ފައިސާއެވެ.
މި ނޫސް ބަޔާނުގައި، މިނިސްޓްރީ އޮފް ޓޫރިޒަމްގެ މަސައްކަތަށް ދައުލަތުން ދޫކޮށްފައިވާ ރަށްތަކާގުޅުންހުރި މުމަލާތްތަކުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ޖުމްލަ ޢަދަދު، 3,629,473,520.32ރ. (ތިން ބިލިއަން ހަސަތޭކަ އޮނަތިރީސް މިލިއަން ހަތަރުސަތޭކަ ހަތްދިހަ ތިންހާސް ފަސްސަތޭކަ ވިހި ރުފިޔާ ބައްތިރީސް ލާރި) އަށް އަރާކަމަށާއި ޖީއެސްޓީގެ ގޮތުގައި ފައިސާ ލިބެންޖެހޭ ފަސް މިލިއަން ރުފިޔާއަށްވުރެ މަތީގެ މައްސަލަތަކުގައި ހިމެނޭ ފައިސާގެ ޖުމްލަ ޢަދަދު، 7,522,267.81ރ. (ހަތް މިލިއަން ފަސްސަތޭކަ ބާވީސްހާސް ދުއިސައްތަ ފަސްދޮޅަސް ހަތްރުފިޔާ އެކާހި ލާރި) އަށް އަރާކަން ހާމަކުރައްވާފައިވެއެވެ. މިގޮތުން މި ފައިސާގެ އަދަދުތައް އެކުލެވޭ މައްސަލަތަކަކީ މިހާރު ޝަރުޢީ މަރްޙަލާ ފެށިގެން ކުރިއަށްދާ މައްސަލަތައްކަންވެސް އެ ކޮމިޝަނުން ނެރުނު ނޫސް ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.
ސްޓޭޓް އެސެޓްސް ރިކަވަރީ ކޮމިޝަނަކީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 5/2017 ގެ ދަށުން އޮޑިޓަރ ޖެނެރަލް އޮފީހާއި އެންޓިކޮރަޕްޝަން ކޮމިޝަނުން ދައުލަތަށް ފައިސާ ލިބެންޖެހޭކަމަށް ނިންމާފައިވާ މައްސަލަތަކުގައި ހިމެނޭ ފައިސާ ހޯއްދެވުމަށް އެކަށީގެންވާ ފިޔަވަޅު އެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކޮމިޝަނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް