ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑިގެއްލޭގޮތަށް ފަރުމާކޮށްފައިވާ އެންޓި ޑިފެކްޝަން ބިލުގެ ފުރަތަމަ އަޑުއެހުން މާދަމާގެ ޖަލްސާއަށް ތާވަލް ކޮށްފި އެވެ.
މާދަމާ ބާއްވާ ޖަލްސާ އަކީ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ހަ ވަނަ ޖަލްސާ އެވެ.
މާދަމާގެ ޖަލްސާއަށް މި ދެ ބިލުގެ ފުރަތަމަ އަޑުއެހުން ތާވަލް ކޮށްފައިވާއިރު މި ދެ ބިލުގެ ތެރެއިން ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ވައްދާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އެވެ. މި ބިލާއި ބެހޭގޮތުން މާ ގިނަ ތަފްސީލުތަކެއް އަދި ފެންމަތި ނުވި ނަމަވެސް އިއްޔެ ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހުތަކެއް ގެންނަން އެބަޖެހޭ ކަމަށާއި ބޮޑެތި މައްސަލަތައް ނިންމާނެ ވަކި މުއްދަތު ތަކެއް ކަނޑައެޅިފައި ހުންނަން އެބަ ޖެހޭ ކަމަށެވެ.
ދެވަނަ ބިލަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އިންތިހާބުވި ޕާޓީ ދޫކޮށް އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ގޮނޑިގެއްލޭ ގޮތަށް ފަރުމާ ކޮށްފައިވާ އެންޓި ޑިފެކްޝަން ބިލެވެ. މި ބިލު މަޖިލީހަށް ވައްދާފައިވަނީ ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކެވެ.
ނިހާން ހުޅަހެޅުއްވި އެ ބިލާއި ބެހޭގޮތުންވެސް ތަފްސީލެއް ހާމައެއް ނުކުރެ އެވެ. އިއްޔެ ޕީޕީއެމް އިން ބޭއްވި ޕްރެސްގައި މި ބިލު ފާސް ކޮށް ގާނޫނަކަށް ހެދުމުން ޕީޕީއެމްއަށްވެސް މެމްބަރުން އިތުރު ނުވާނެ ނޫންތޯ ނޫސްވެރިއަކު ސުވާލު ކުރުމުން އަދުރޭ ވިދާޅުވީ ގައުމަށް ފައިދާހުރި ކަންކަން ނިންމުމުގައި ޕީޕީއެމް އަކީ އަމިއްލަ މަސްލަހަތު އިސްކުރާނެ ޕާޓީއެއް ނޫން ކަމަށެވެ.
މި ދެ ބިލުގެ ފުރަތަމަ އަޑުއެހުން މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާއިރު މާދަމާގެ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 11:00ގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް