ލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު މިއަދު އައްޔަން ކުރައްވައިފި އެވެ.
ޝަރީފް އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެވެ.
ޝަރީފް އެ މަގާމަށް އައްޔަން ކުރައްވާފައިވާއިރު މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ޝަރީފުގެ ނަން ފާސްކޮށްފައިވަނީ 33 މެންބަރުންގެ ތާއީދާއި އެކު އެވެ. ޝަރީފު އީސީގެ މެންބަރު ކަމަށް އައްޔަން ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު އެކަންޏެވެ.
މިއަދުގެ ޖަލްސާގައިވެސް ބައިވެރިވެވަޑައިގެންނެވީ ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގެންނަވާ މެންބަރުން އެކަންޏެވެ.
އީސީއަށް ޝަރީފު އައްޔަން ކުރަން ފެނޭތޯ ބަލަން އޭނާގެ ނަން ރައީސް މަޖިލީހަށް ހުށަހެޅީ އިއްޔެ އެވެ.
ޝަރީފަކީ މިދިޔަ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރައްވާ އެ ދާއިރާގެ ގޮނޑި ފުރުއްވި ބޭފުޅެކެވެ. އަދި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާހާގައި ވާދަ ކުރައްވާ ނާކާމިޔާބާއި ކުރިމަތިވެ ވަޑައިގެންނެވުމުން މި ސަރުކާޜުގެ އެކި މަގާމުތައް ފުރުއްވާފައިވެ އެވެ.
ޝަރީފު ވަނީ މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްކަންވެސް ކުރައްވާފައި އެވެ. އީސީގެ މެންބަރަކު ކަމަށް ބޭފުޅަކު އައްޔަން ކުރަން މަޖިލީހަށް ހުށަހެޅުއްވީ ކުރިން އެ ކޮމިޝަނުގެ ރައީސް ކަމުގައި ހުންނެވި އަހުމަދު ސުލައިމާން މަގާމުން އިސްތިއުފާ ދެއްވުުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް