މިއަދުގެ ޒުވާނުންނާއި ކިޔަވާ ކުދިންގެ ހިތްތަކުގައި ގައުމިއްޔަތު ދިރުވައި އާލާކުރުވުމަކީ މިއަދު ކުރަންޖެހިފައިވާ ވަރަށް މުހިންމު ގައުމީ މަސައްކަތެއް ކަމުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައިވަނީ ރާއްޖޭގައި ފުރަތަމަފަހަރަށް މިއަދު ފާހަގަކުރަމުންދާ، ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ތަހުނިޔާގެ ހިތާބުގައި އެވެ.
"ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވުމަކީ, އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެކެވެ. ކޮންމެ އަހަރެއްގެ މާރިޗު މަހުގެ 6 ވަނަ ދުވަހަކީ، ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ސަރުކާރުން ހަމަޖެއްސީ މީގެ އެއް އަހަރު ކުރިން ތަރިކަ މަޝްރޫޢު އިފްތިތާޙުކުރި ދުވަހާ ގުޅިގެން, ދިވެހިންގެ މެދުގައި އިސްލާމީ ވަޙުދަތާއި ޤައުމީ ރޫޙު އުފައްދައި އާލާކުރުމުގެ މަޤްޞަދުގައެވެ." ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި ވިދާޅުވެފައި ވެ އެވެ.
އެ ހިތާބުގައި ވިދާޅުވެފައިވަނީ ޒުވާނުންނާއި ދަރިވަރުންގެ ހިތްތަކުގައި ގައުމިއްޔަތު ދިރުވައި އާލާ ކުރުމަކީ އަންނަން އޮތް ޖީލުތަކުގެ މުސްތަޤްބަލަށްޓަކައިވެސް ކޮންމެހެން އަޅުގަނޑުމެން ސަމާލުކަންދޭންޖެހޭ ކަމެއް ކަމަށެވެ. ހަމައެއާއެކު، ޤައުމުގެ މުސްތަޤްބަލް އޮތީ ޤައުމުގެ ޒުވާނުންގެ އަތްމަތީގައި ކަމަށްވާތީ، މިއަދުގެ ޒުވާނުންނަކީ ހަރުދަނާ ޤައުމިއްޔަތެއްގެ ވެރި އަދި މިނިވަންކަމަށް ލޯބިކުރާ، އަމިއްލަވަންތަކަން ދިފާޢުކުރާނެ ބައެއް ކަމަށް ހަދަންޖެހޭ ކަމަށެވެ. އޭގެ ސަބަބުން ޒުވާނުންނާއި ދަރިވަރުންގެ ހިތްތަކުގައި ޤައުމީ ރޫޙު އިތުރަށް އާލާވެ، އަދި ޤައުމަށް ޚިދުމަތް ކުރާނެ، ޤައުމުދެކެ ލޯބިވާ ދަރިންތަކެއް އުފެދިގެންދާނެ ކަމަށެވެ.
އެހެންކަމުން، ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަސް ފާހަގަކުރަމުންދާއިރު، ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމަށްޓަކައި އަދި މިކަމުގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ހުރިހާ ފަރާތްތަކަކުން ޚާއްޞަ މަސައްކަތް ކޮށްދެއްވުމަށް އަޅުގަނޑު އިލްތިމާސް ކުރާ ކަމަށާއި އަދި ރާއްޖޭގެ ދަރިވަރުންގެ ހިތްތަކުގައި ޤައުމީ ރޫޙު ދިރުވުމަށާއި، ދަރިވަރުންނަކީ ޤައުމުދެކެ ލޯބިވާ، ޤައުމަށް ވަފާތެރި ބައެއްގެ ގޮތުގައި ތަރުބިއްޔަތު ކުރެއްވުމުގެ މަޤްޞަދުގައި ޚާއްޞަ ޕްރޮގްރާމްތަކެއް ހިންގަވައިދެއްވުމަށް ރާއްޖޭގެ ހުރިހާ ސްކޫލް މަދަރުސާތަކުގެ ވެރިންނަށް އަޅުގަނޑު ގޮވާލާކަމުގައި ރައީސްގެ ހިތާބުގައި ވިދާޅުވެފައި ވެ އެވެ.
"އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމަށް އަޅުގަނޑުމެން ކުރަމުން މިގެންދާ މަސައްކަތްތަކުގައި މާތްﷲ ބަރަކާތް ލެއްވުމެވެ. އަޅުގަނޑުމެންނަކީ ޤައުމިއްޔަތުގެ ބަހާތައް ދިރުވައި، އެ ބަހާތަކަށް އިޙުތިރާމު ކުރާ ބައެއް ކަމުގައި ލެއްވުމެވެ. ރާއްޖެއަށް ޞުލްޙަމަސަލަސްކަމާއި އަމާންކަން ދެއްވުމެވެ." ރައީސްގެ ހިތާބު ނިންމަވާލައްވާފައިވަމި މި ދުއާއިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް