ދިވެހި ސަރުކާރުން އަމަލު ކުރަމުންދާ ގޮތާއި މެދު ހިތް ހަމަ ނުޖެހުން ފަޅުކޮށް އަވައްޓެރި ސްރީލަންކާގައި ދިރިއުޅޭ އިދިކޮޅު ފަރާތްތަކުން މުޒާހަރާކޮށްފި އެވެ.
މުޒާހަރާ ކޮށްފައިވަނީ ލަންކާގައި ހުންނަ ދިވެހި އެމްބަސީ ކުރިމަތީގައި މިއަދު އެވެ. މި މުޒާހަރާގައި ލަންކާގައި ދިރިއުޅޭ އިދިކޮޅު އިސް ލީޑަރުން ބައިވެރިވެފައިވެ އެވެ.
މި އެއްވުމުގައި ގޮވާލާފައިވަނީ ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކޮށް ސިޔާސީ ހައްޔަރީން ދޫކޮށްލުމަށެވެ. އަދި މިހާރު މާލޭގައި ކުރިޔަށް ގެންދާ މުޒާހަރާތަކާއި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ސިޔާސީ ފަރާތްތައް ދޫކޮށްލުމަށް ގޮވާލާފައިވެ އެވެ.
އެގޮތުން މުޒާހަރާގެ ބައިވެރިން އަޑު އުފުލާފައިވަނީ ހައްޔަރުކޮށްފައިވާ މީހުންގެ ފޮޓޯ އާއި ތަފާތު ލިޔުންތައް ލިޔެފައިވާ ބެނާތައް ހިފައިގެންނެވެ. އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރި އިރު ލަންކާ ފުލުހުން ވަނީ އެ ސަރަހައްދުގެ ޓްރެފިކް ބަލަހައްޓާ ދީފަ އެވެ.
މުޒާހަރާގައި ބައިވެރިވި ފަރާތްތަކުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގާއި ކުރީގެ މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް