ސްރީދޭވީ މަރުވި ރޭ ކަންތައް ހިނގާދިޔަ ގޮތް އޭނާގެ ފިރިމީހާ ފުރަތަމަ ފަހަރަށް ހިއްސާކޮށްފި

ބޮލީވުޑްގެ ލެޖެންޑްރީ އެކްޓްރެސް ސްރީދޭވީގެ މަރަކީ ގިނަބަޔަކަށް ސިހުން ލިބިގެން ދިޔަ ޚަބަރެކެވެ. އެޚަބަރާއެކު ބޮލީވުޑްގެ ގިނަ ތަރިންނާއި އޭނާގެ ފޭނުންނާއި މުޅި އިންޑިޔާއަށް ސިހުމެއް ލިބިގެންދިޔައިރު އ...

06 Mar 2018 | 05:27

ބޮލީވުޑްގެ ލެޖެންޑްރީ އެކްޓްރެސް ސްރީދޭވީގެ މަރަކީ ގިނަބަޔަކަށް ސިހުން ލިބިގެން ދިޔަ ޚަބަރެކެވެ. އެޚަބަރާއެކު ބޮލީވުޑްގެ ގިނަ ތަރިންނާއި އޭނާގެ ފޭނުންނާއި މުޅި އިންޑިޔާއަށް ސިހުމެއް ލިބިގެންދިޔައިރު އޭނާގެ އާއިލާއަށް މިއީ ތަހައްމަލުކުރަން ދަތި އުނދަގޫ ޚަބަރަކެވެ. ސްރީދޭވީ ކުއްލިއަކަށް މަރުވީ ކިހިނެއްތޯ ބަލަން އެތައް ބަޔަކު ބޭނުންވެފައި ތިބިއިރު ސްރީދޭވީގެ މަރަކީ ފެނުން ފުރާފައިވާ ބިލިގާއެއްގެ ތެރެއަށް ގެނބިގެން ވީ މަރެއް ކަމުގައި ދުބާއީގެ ޕޮލިހުންވަނީ ނިންމާފައެވެ.

ސްރީދޭވީ މަރުވިރޭ ކަންތައް ހިނގާދިޔަގޮތް އޭނާގެ ފިރިމީހާ ބޯނީ ކަޕޫރުވަނީ އޭނާގެ ގާތްރަހުމަތްތެރިންނާ ހިއްސާކޮށްފައެވެ. ބޯނީ ބުނާގޮތުން ދުބާއީގައި އޮތް އެމީހުންގެ އާއިލާ މީހެއްގެ ކައިވެނި ހަފްލާއަށްފަހު ބޯނީ އިންޑިޔާއަށް އެނބުރި އާއިރު ސްރީދޭވީ ދުބާއީގައި މަޑުކުރީއެވެ. އެހެންނަމަވެސް ސްރީދޭވީއަށް ސަޕްރައިޒެއް ދިނުމުގެ ބޭނުމުގައި އޭނާ އެނބުރި ދުބާއީއަށް ދިޔުމަށް ޓިކެޓް ބުކްކުރިއެވެ. ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުގެ ހެނދުނު ބޯނީ ސްރީދޭވީއާ ފޯނުން ގުޅައިގެން ވާހަކަދެއްކިއިރު ބޯނީ މަތިން މިސްވާކަމަށް ސްރީދޭވީ ބުނިކަމަށާއި އޭނާވެސް ސްރީދޭވީ މަތިން މިސްވާކަމަށް ބުނިކަމަށާއި ނަމަވެސް ރޭގަނޑު ދުބާއީއަށް ދާ ވާހަކަ ނުބުނާކަމަށް ބޯނީ އޭނާގެ ރައްޓެހިންނަށް  ކިޔައިދިނެވެ. ބޯނީ އެނބުރި ދުބާއީއަށް ދިޔުމުގެ ޚިޔާލާއި އެމީހުންގެ ދޮށީ އަންހެންދަރިފުޅު ޖާންވީވެސް ތާޢީދުކުރިކަމަށާއި އެއީ ސްރީދޭވީ އެގޮތަށް އެކަނި ބޭރު ޤައުމެއްގައި ހުރެފައިނުވާތީކަމަށް ބޯނީ ބުނެއެވެ. އަދި އެކަނި ހުރެގެން ޕާސްޕޯޓްފަދަ މުހިންމު ޑޮކިޔުމެންޓެއް ގެއްލިދާނެކަމުގެ ބިރު ޖާންވީއަށް އޮތުމުން ބޯނީގެ ޚިޔާލަށް އަންހެންދަރިފުޅު ތާއީދުކުރީއެވެ.

ބޯނީ ބުނާގޮތުން ފާއިތުވި 24 އަހަރު ބޯނީ އާއި ނުލާ ސްރީދޭވީ ވަކިން ތަނެއްގައި ހުރީ ދެފަހަރުކަމަށާއި އެހެންނަމަވެސް އެ ދެފަހަރުވެސް އޭނާގެ ރަހުމަތްތެރިންގެ އަނބިން ސްރީދޭވީ އާއެކު އޭނާ އެކަނިނުކޮށް އުޅެފައިވާކަމަށެވެ. އަދި ދުބާއީގައި ފެބްރުއަރީ މަހުގެ 22 ން 23 ށް ސްރީދޭވީ އެކަނި ހުރިއިރު އެއީ ބޭރު ޤައުމެއްގައި ސްރީދޭވީ އެކަނި ހުރި ފުރަތަމަ ފަހަރުކަމަށްވެސް ބޯނީ ވަނީ ބުނެފައެވެ. 24 ވަނަ ދުވަހުގެ ރޭ ބޯނީ ކުއްލިއަކަށް ފެނުމުން ސްރީދޭވީ ވަރަށް ބޮޑަށް އުފާވިކަމަށާއި ދެމީހުން އެކިކަހަލަ ވާހަކަދައްކާ ހީ ސަމާސާކުރަން ގަޑީރަކަށްވުރެ ގިނައިރު ތިބިކަމަށް ބޯނީ ބުންޏެވެ. އެއަށްފަހު ބޭރަށް ކާންދާން ސްރީދޭވީ ކައިރިން އެހިކަމަށާއި އެހެންވެ ސްރީދޭވީ ތައްޔާރުވާން ފާހާނައަށް ވަނީކަމަށް ބޯނީ ބުންޏެވެ. އެއާއެކު އޭނާ އިށީނީ ކްރިކެޓް މެޗެއް ބަލަންކަމުގައި ބޯނީ ބުންޏެވެ.

ވިއްސަކަށް މިނެޓް ވަންދެން ޓީވީ ބަލަން އިންކަމަށާއި ނަމަވެސް އެއީ ހޮނިހިރު ދުވަހުގެ ރޭ ކަމުން ރެސްޓޯރަންޓްތައް ވަރަށް ބާރުބޮޑު ވާނެތީ އެކަމާ ބޯނީ ހުރީ ކަންތައް ބޮޑުވެފައިކަމުގައެވެ. އެހެންވެ ސިޓިންގ ރޫމްގައި ހުރެފައި ސްރީދޭވީއަށް އަވަސް ކުރުމަށް ގޮވިކަމަށާއި ނަމަވެސް ޚަބަރެއް ނުވުމުން ފާހާނަކައިރިއަށް ގޮސް ގޮވިކަމުގައެވެ.  ނަމަވެސް ސްރީދޭވީގެ ޚަބަރެއް ނުވުމުން ޓީވީ ގެ އަޑުމަޑުކޮށްފައި ދޮރުގައި ޓަކިޖަހާގެން ގޮވާގެންވެސް ޚަބަރެއް ނުވީމަ ދޮރު ހުޅުވީކަމުގައި ބޯނީ އޭނާގެ ރައްޓެހިން ގާތު ބުންޏެވެ.

ސްރީދޭވީގެ އޮޓޮޕްސީ ރިޕޯޓް ބުނާގޮތުން ސްރީދޭވީ މަރުވެފައިވަނީ ބިލިގާއަށްވެއްޓި ގެނބިގެންނެވެ. އަދި ބަނގުރަލުގެ އަސަރު ލޭގައި ހުރިކަމަށްވެސް ރިޕޯޓުން ދައްކައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް