ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފު ދިރިއުޅުއްވާ ގޭގެ އެޕާޓްމަންޓް ބަލާ ފާސް ކުރުމަށް ފަހު އޭނާ ހައްޔަރުކޮށްފި އެވެ.
މ. ސްނޯ ރޯސްގައި އަރީފު ދިރިއުޅުއްވާ އެޕާޓްމަންޓު ފާސްކުރުމަށް ފަހު ފުލުހުން އޭނާ ހައްޔަރު ކުރީ ކޮން ތުހުމަތެއްގައި ކަމެއް އަދި ނޭނގެ އެވެ. އަރީފުގެ ފަރާތުން މައުލޫމާތު ލިބިފައިވާގޮތުގައި ބަލާ ފާސް ކުރުމަށް ފަހު ފުލުހުން އެގެއިން އެއްވެސް އެއްޗެއް ގެންގޮސްފަ އެއް ނުވެ އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އޮތުމުން އަރީފުގެ އެޕާޓްމަންޓަށް ވަންނަން ފުލުހުން ކޯޓު އަމުރު ދައްކާފައެއް ނުވެ އެވެ. ފުލުހުން އޭނާ ހައްޔަރު ކުރި އިރު އަރީފުގެ ޕާސްޕޯޓު އޮތީ ހިފަހައްޓާފައި އެވެ.
ޕާސްޕޯޓު ހިފަހައްޓާފައިވަނީ މިދިޔަ މަހުގެ ދެ ވަނަ ދުވަހު ސީޕީގެ މަގާމުން ވަކި ކުރުމަށް ފަހު އެވެ. އެ މަގާމުން އަރީފު ވަކިކުރީ ރައީސް އަބްދުﷲ ޔާމީން އާއި ސަރުކާރުގެ އިސްވެރިން އޭނާ އާއި ގުޅަން ކުރި މަސައްކަތް ކާމިޔާބު ނުވުމުން ކަމަށް އަރީފު މަގާމުން ވަކި ކުރެއްވިކަން އިއުލާނު ކުރައްވަމުން އެރޭ ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވި އެވެ.
ހައްޔަރުކޮށްގެން އަރީފު ގެންގޮސްފައިވަނީ ދޫނިދޫއަށެވެ. ކުރީގެ ސީޕީ އަރީފުގެ އިތުރުން ކުރީގެ ސީޕީ އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވެސް ހުންނެވީ ދޫނިދޫ ޖަލުގައި ހައްޔަރުކޮށްފައި އެވެ. ރިޔާޒު ހައްޔަުކޮށްފައިވަނީ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް