ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި، އެމަނިކުފާނުގެ ދަނބިދަރިކަލުން މުހައްމަދު ނަދީމް ބަންދުގައި ތިބޭތާ މަހެއްވީ އިރުވެސް އެއްވެސް ސުވާލެއް ކޮށްފައި ނުވާ ކަމަށް އެ ދެ ބޭފުޅުންގެ ގާނޫނީ ވަކީލުން ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫނާއި ނަދީމްގެ މައްޗަށް ފުލުހުން ކުރަނީ ގާނޫނީ ސަރުކާރެއް ވައްޓާލަން އުޅުނު ކަމުގެ ތުހުމަތާއި ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތެވެ. ފުލުހުން ބުނެފައިވަނީ އެ މައްސަލަ ސާބިތު ކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށެވެ.
އެކަމަކު އެ މައްސަލައިގަ ދައުވާ ކުރަން ނުފޮނުވާ ފުލުހުން ރައީސް މައުމޫންގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވަނީ ހެކި ނައްތާލުމުގެ ދައުވާ އެވެ.
އެ ދެ ބޭފުޅުންގެ ގާނޫނީ ވަކީލުންގެ ޓީމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތުހުމަތުކުރި މައްސަލަތަކާ ގުޅިގެން އެތައް ބައިވަރު ހެކި ލިބިފައިވާ ކަމަށް، ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ބުނެފައިވީނަމަވެސް ބަންދުގައި މަސް ދުވަސްވީ އިރު ވެސް ސުވާލެއް ނުކުރާ ކަމަށެވެ. އެ ބަޔާނުގައި ބުނެފައިވަނީ އެފަދަ ވާހަކަތައް ދައްކައި ފުލުހުން ދަނީ އެބޭފުޅުންނާ މެދު މުޖުތަމައުގައި އޮތް ގަދަރާއި ލޯތްބަށް އުނިކަން ގެނައުމުގެ ނުބައި ނިޔަތުގައި އެ ބޭފުޅުންގެ އަބުރު ނަގާލަމުން ކަމަށެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ޖަލުގައި އެތައް މަހެއް ހޭދަ ކުރައްވަން ޖެހިފައިވަނީ މުއައްސަސާތަކުން ސިޔާސީ ފަރާތެއްގެ އަމުރަށް ތަވާބާތީ ކަމަށް ބުނެފައިވެ އެވެ. އަދި ހައްގު ނޫން ދައުވާތަކެއްކޮށް، އަސާސެއް ނެތް އެކި ތުހުމަތުތަކުގައި ޖަލުގައި ހުންނަވާތާ އެތައް ދުވަހެއް ވެފައިވާއިވާއިރު އުފުލާފައިވަނީ ހައްގު ނޫން ދައުވާއެއްކަން އޮޅުމެއްނެތި ކަށަވަރުވާ ކަމަށް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް