ޗައިނާއިން ރާއްޖެ އައި ދެ ދިވެހިން ކަރަންޓީން ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ އެ ދެމީހުން ތިބީ ފަރުކޮޅުފުށީގައި ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީގައި ކަމަށެވެ. އެމީހުން އެތަނުގައި14 ދުވަސް ބައިތިއްބާނެ އެވެ.
ދެ ދިވެހިން ކަރަންޓީން ކުރީ ބަލީގެ އެއްވެސް އަލާމާތެއް ފެނިގެން ނޫންކަމަށާއި ހަމައެކަނި ސަބަބަކީ ޗައިނާއަށް ދަތުރުކޮށްފައިވުން ކަމަށް ވިދާޅުވި އެވެ. އެހެންވެ އެ ދެމީހުން ކޮރޯނާ ވައިރަސްއަށް ޓެސްޓުވެސް ނުކުރާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
މިހާތަނަށް ޗައިނާއަށް ދަތުރު ކުރި ހަތް ދިވެހިން ވަނީ ކޮރޯނާ ވައިރަސްއަށް ޓެސްޓުކޮށްފަ އެވެ. އެއްވެސް މީހެއް ކޮރޯނާ ވައިރަސްއަށް ޕޮސިޓިވް ވެފައެއް ނުވެ އެވެ.
ރާއްޖެ އެތެރެވާ މީހުން ސްކްރީން ކުރުން އިންޓަނޭޝަނަލް އެއާޕޯޓުތަކުގައި ކުރިޔަށް ގެންދިޔަ ނަމަވެސް މިހާރު އެ މަސައްކަތް ފުޅާކޮށް ޑޮމެސްޓިކް އެއާޕޯޓުތަކުގައިވެސް ސްކްރީނިން ކުރިޔަށް ގެންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް