ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުރިޔަށް ގެންދިޔަ ހިޔާ މަޝްރޫއިން ފްލެޓު ލިބުނު މީހުންގެ ލިސްޓަށް ބަދަލު އަތުވެދާނެ ކަމަށް ރައިސް އޮފީހުން އާންމު ކުރި ބަޔާނަކުން ހާމަވެއްޖެ އެވެ.
ހިޔާ މަޝްރޫއުގެ މަސައްކަތް ކުރިޔަށްދާ ގޮތާއި ގުޅޭގޮތުން "ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމިޓީ" އިން ނެެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ "ހިޔާ" މަޝްރޫއަށް ހުށަހަޅާފައިވާ ފޯމުތައް އިވެލުއޭޓް ކުރުމަށްފަހު ފޯމުތަކަށް ޕޮއިންޓް ދިނުމުގައި ކޮމިޓީން އަމަލުކުރަން ނިންމާފައިވަނީ، އެކި ކެޓަގަރީތަކަށް ޕޮއިންޓް ދިނުމަށް ކުރިންވެސް ހައުސިން މިނިސްޓްރީން އާންމުކުރި އުސޫލުތަކާއި މިންގަނޑުތަކަށް ކަމަށެވެ. އެކަމަކު އެ ކޮމިޓީން ބެލި ބެލުމުން ފާހަގަވެފައިވަނީ "ހިޔާ" މަޝްރޫއު ގެ ފޯމުތަކަށް ޕޮއިންޓް ދިނުމުގައި އަމަލުކޮށްފައިވަނީ ޕޮއިންޓް ދިނުމަށް އެ މިނިސްޓްރީން އާންމުކޮށްފައިވާ އުސޫލުތަކާ މިންގަނޑުތަކަށް ނޫން ކަމަށް ބުނެފައިވެ އެވެ.
އެގޮތުން ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓު ދީފައިވާ ގޮތް އެއްވެސް ވަރަކަށް ސާފު ނުވާކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. އެހެންވެ އެ ބަޔަށް ޕޮއިންޓް ދިނުމުގައި ބަލާނެ ކަންތައްތައް ހިމެނޭ މިންގަނޑެއް އެކުލަވާލައި، ދިރިއުޅުމުގެ ހާލަތު އެންމެ ފުރިހަމައަށް ވަޒަންކުރެވޭނީ ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ގޭގެއަށް ޒިޔާރަތްކޮށް، އެ ހާލަތު ބެލުމަށް ފަހުގައިކަމަށް ކޮމިޓީން ނިންމާފައިވާތީ އެ މަސައްކަތްވެސް ފެށިފައިވާ ކަމަށެވެ.
އެ ކޮމިޓީން ބުނެފައިވާ ގޮތުގައި ހިޔާ މަޝްރޫގެ ފްލެޓުތަކަށް ހުށަހެޅި ފޯމުތައް މިހާރު ވަނީ ދެފަހަރު ސްކްރީންކޮށް މައުލޫމާތު ފުރިހަމަތޯ ބަލާފައި ކަމަށާއި ކުރީގެ ހައުސިން މިނިސްޓްރީއިން ކަނޑައަޅާފައިވާ ޕޮއިންޓް ދިނުމުގެ މިންގަނޑާ އެއްގޮތަށް ކޮންމެ ފޯމަކަށްވެސް ދިރިއުޅުމުގެ ހާލަތުގެ ބައި ފިޔަވައި ޕޮއިންޓް ދެވޭނެ ކަމަށެވެ. ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓް ދޭނީ އެ ގޭގެއަށް ޒިޔާރަތް ކުރުމަށް ފަހު ކަމަށެވެ.
ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމަށް، އެ ކެޓަގަރީއަކުން ސްކްރީނިން މަރުހަލާއިން ޝަރުތު ހަމަވާކަމަށް ކަނޑައެޅޭ ފަރާތްތަކަށް ގުޅައި، އެ ފަރާތްތަކުން މިހާރު ދިރިއުޅޭ އެޑްރެސް ވެރިފައިކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ބުނެފައިވެ އެވެ. އަދި ފޯމު ހުށަހަޅާފައިވާ ބައެއް ފަރާތްތަކުން ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅެމުންދާތީ، މި ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމުގެ މަސައްކަތް، އެ ރަށެއްގެ ކައުންސިލް މެދުވެރިކޮށް ކުރެވޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.
ފްލެޓް ކޮމެޓީން ބުނީ އެ މަޝްރޫއަށް ހުށަހަޅާފައިވާ ފޯމުތައް ކޮމިޓީއިން ދިރާސާކުރުމަށްފަހު، ފްލެޓް ހައްގުވާ ފަރާތްތައް ކަނޑައަޅައި، ލިސްޓުތައް އާންމު ކުރާއިރު ކޮންމެ ފަރާތަކަށްވެސް އެފަރާތަށް ލިބިފައިވާ ޕޮއިންޓާއި، ޕޮއިންޓް ލިބިފައިވާ ގޮތް ސާފުކޮށް ހާމަކުރެވިގެންދާނެ ކަމަށެވެ. އަދި ޝަރުތު ހަމަނުވާ ފަރާތްތައް ޝަރުތު ހަމަނުވާކަމަށް ކަނޑައެޅިފައިވާ ސަބަބު ސާފުކޮށް ބަޔާންކުރާނެ ކަމަށެވެ.
މި ބަދަލުތަކާއި އެކު އާންމު ކުރާ ލިސްޓުތަކާ ގުޅޭގޮތުން އެއްވެސް ފަރާތަކުން ޝަކުވާއެއް ހުށަހަޅަން ބޭނުންނަމަ އެ ފުރުސަތުވެސް ދޭނެ ކަމަށް ވަނީ ބުނެފައެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެ ހަތްހާސް ފްލެޓު ލިބޭނެ މީހުން ވަނީ ކަނޑައަޅާފަ އެވެ. އަދި އޭގެ ތެރެއިން ގިނަ މީހުންނަށް ވަނީ ފްލެޓު ލިބޭނެ ކަމުގެ ލިޔުންވެސް ހަވާލު ކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް