ކޮރޯނާވައިރަހުގައި ޗައިނާއިން މަރުވި މީހުންގެ އަދަދު 563 އަށް

ޗައިނާއިން ފެނި މިހާރު ދުނިޔޭގެ އެތައް ގައުމަކަށް ފެތުރިފައިވާ ނުރައްކާތެރި ކޮރޯނާވައިރަހުގައި ޗައިނާއިން މަރުވި މީހުންގެ އަދަދު 563 އަށް އަރައިފިއެވެ. މިއީ އިއްޔެއާއި އަޅާބަލާއިރު 73ގެ އިތުރުވުމެކެވެ...

06 Feb 2020 | 06:29

ޗައިނާއިން ފެނި މިހާރު ދުނިޔޭގެ އެތައް ގައުމަކަށް ފެތުރިފައިވާ ނުރައްކާތެރި ކޮރޯނާވައިރަހުގައި ޗައިނާއިން މަރުވި މީހުންގެ އަދަދު 563 އަށް އަރައިފިއެވެ. މިއީ އިއްޔެއާއި އަޅާބަލާއިރު 73ގެ އިތުރުވުމެކެވެ.

ކޮރޯނާވައިރަހުގައި މަރުވި މީހުންގެ އަދަދު 563 އަށް އަރާފައިވާއިރު ޗައިނާގައި މި ވައިރަހަށް ޕޮސިޓިވް ވެފައިވާ މީހުންގެ އަދަދު މިހާރު މިވަނީ 28280 އަށް އަރާފައެވެ. މިއީ އިއްޔެއާއި އަޅާބަލާއިރު 2987ގެ އިތުރުވުމެކެވެ.

ފާއިތުވި 24 ގަޑިއިރުގައިވެސް މި ވައިރަހުގައި އެންމެ ގިނައިން މީހުން މަރުވެފައިވަނީ މި ވައިރަސް "އައުޓްބްރޭކް" ވި ވޫހާން ޕްރޮވިންސްގެ ހުބެއި ސިޓީންނެވެ. މި ވައިރަހާއި ގުޅިގެން ވޫހާން ޕްރޮވިންސާއި އަދި އިތުރު ބައެއް ސިޓީތައް "ލޮކްޑައުން" ކޮށްފައި އޮންނަތާ ދެ ހަފްތާ ވާން ގާތްވެފައިވާއިރު ޗައިނާއިން އަންނަނީ މި ބައްޔާއި ހަނގުރާމަ ކުރަމުންނެވެ. ނަމަވެސް ދުވަހުން ދުވަހަށް މި ވައިރަހަށް ޕޮޒިޓިވް ވާ މީހުންގެ އަދަދާއި މަރުވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު ޗައިނާއިން މިހާރު ވަނީ މި ބައްޔާ ހަނގުރާމަ ކުރުމަށް އެހެނިހެން ގައުމުތަކުގެ އެހީތެރިކަމަށްވެސް އެދިފައެވެ.

މި ވައިރަހަށް ރާއްޖެއިންވެސް ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. އެގޮތުން ރާއްޖެ ވަދެވޭ މައި ދޮރޯށިތައް ކަމުގައިވާ އެއާޕޯޓްތަކުގައި ތާމަލް ކެމެރާ ހަރުކޮށް، 24 ގަޑިއިރު އަންނަނީ މޮނީޓަރ ކުރަމުންނެވެ. އަދި ޗައިނާއިން ފަތުރުވެރިން ރާއްޖެ އައުންވެސް މިހާރު ހުއްޓުމަކަށް ގެނެސްފައިވާއިރު މި ވައިރަސް މިހާރު ފެތުރެމުން އަންނަ އިންޑިއާގެ ކެރެލާއަށް ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށްވެސް ދިވެހި ސަރުކާރުން މިހާރު ވަނީ އަންގާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް