ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެއްވެސް ޕާޓީއަކާއި އެކު ކޯލިޝަން ނަހަދަން އިދިކޮޅު މައި ޕާޓީ ޕީޕީއެމްއާއި ބައިވެރިޔާ ޕީއެންސީން ނިންމައިފި އެވެ.
މިގޮތަށް ފާސްކުރީ ރޭ ދެޕާޓީ އެކުގައި ބޭއްވި ކައުންސިލް ބައްދަލުވުމެއްގައި އެވެ. މިގޮތަށް ފާސްކޮށްފައިވަނީ47 މެންބަރުންގެ ތާއީދާ އެކު އެވެ.
މިގޮތަށް ހުށަހެޅީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްއެވެ. ތާއީދު ކުރެއްވީ ޕީޕީއެމްގެ ނާއިބް ރައީސް ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫނެވެ.
އެކަމަކު ސިޔާސީ ޕާޓީއަކުން އެ ދެ ޕާޓީއާ އެކު ކޯލިޝަން ހަދާނަމަ ވަކި ޝަރުތުތަކެއްގެ މަތިން އެކަން ކުރެވޭނެ ކަމަށްވެސް ނިންމި އެވެ. އެއީ ފާޅުގައި ދެ ޕާޓީ އާއި އެކު ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ގޮވާލާ ބަޔަކަށް ވުމާއި ރައީސް ޔާމީންގެ ސިޔާސީ ފިކުރާއި، ތަރައްގީގެ ސިޔާސަތު އަދި ދީނީ ސިޔާސަތުތަކަށް ތާއީދު ކުރާ ޕާޓީއަކަށް ވުމެވެ.
މިފަހަރުގެ ކައުންސިލް އިންތިހާބުގައި ޕްރޮގްރެސިވް ކޯލިޝަނުން ނިންމާފައިވަނީ ހަމައެކަނި ޕީޕީއެމް ޓިކެޓުގައި ކެންޑިޑޭޓުން ނެރުމަށެވެ. ޕީޕީއެމްއިން ބުނެފައިވަނީ އެ ޕާޓީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ފަރާތްތައް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ މާދަމާ އޮންނާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް