ހުޅުމާލޭގައި ތިން ބިދޭސީންނަށް ހަމަލާދިން މައްސަލައިގަ ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ވަޅިން އެ މީހުންނަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލް ހާމައެއް ނުކުރެ އެވެ.
ފުލުހުން ރޭ ދަންވަރު ބުނެފައިވަނީ އެ ހަމަލާ އަކީ ދީނީ ހަރުކަށި ފިކުރުގެ މީހުން ދިން ހަމަލާއެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި އެކަން ސީރިއަސްކޮށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
ސޯޝަލް މީޑީއާގައި އާންމު ކުރި އެ ވީޑިއޯގައި ފެންނަނީ މޫނު ނިވާކޮށްގެން ތިބި ތިން މީހުންނެވެ. ޖުއްބާލައިގެން ތިބި އެމީހުން ދިވެހި ބަހުން ވާހަކަދައްކާއިރު އިނގިރޭސި ތަރުޖަމާ ވީޑިއޯގެ ތިރިއަށް އަރަމުންދެ އެވެ.
އެ ވީޑިއޯގައި އިންޒާރު ދެމުން ބުނެފައިވަނީ އެ ހަމަލާގެ ޒިންމާ ނަގާކަމަށާއި ބޭރުގެ ކާފަރުންނަށް މިއީ ސުވަރުގެ ކަމަށް ތި ދައްކާ ދެއްކުން އަވާމެންދުރަކަށް ވެ، މި ގައުމުން އެ މީހުންނަށް އަލިފާނުގެ ރަހަ ލާން ފަށުވާނެ ކަމަށެވެ. ދެން ހުރި ހަމަލާތައް ދޭނެ ތަނަކާއި ވަގުތެއް ވެސް ނުވިސްނޭނެ ކަމަށް އެ ވީޑިއޯގައި ބުނެ އިންޒާރު ދީފަވެ އެވެ.
“އޭގެ ބަދަލެއްގެ ގޮތުން އަހަރެމެން ކަލޭމެންގެ ބަލި ފަޔަށް މި އެރީ. އަދި މި ޒަހަމްގެ މައްޗަށް އަންނަން އޮތީ އިތުރު ޒަހަމްތަކެއް،” އެ ވީޑިއޯގައި ވާހަކަދައްކާ މީހާ ބުނެފައިވެ އެވެ.
ރާއްޖޭގެ ވެރިންނަކީ މުރުތައްދު ވެފައިވާ ބައެއް ކަމަށް ތުހުމަތުކޮށް ބުނީ، ރައްޔިތުންނަށް އޮޅުވާލައި އެ މީހުންގެ އަނބިންނާއި ދަރިން އަތުލައިގެންފައި އަރާމުގައި ތިބެވޭނެ ކަމަށް ހީކޮށްގެން ތިބުމަކީ ކުށްހީއެއް ކަމަށެވެ. ޖަލަށް ދާން ޖެހިދާނެތީ ބިރުން ދީން “ވިއްކާލި” ޝެއިހުނަށް ދޭ އިންޒާރެއް ކަމަށް ބުނެ، ވީޑިއޯގައި ވާހަކަ ދެއްކި މީހާ ބުނެފައިވަނީ ހަދާ ދޮގުތަކުގެ ރައްދު ކައިރި ވެއްޖެ ކަމަށެވެ.
އެ އަށް ފަހު ހަނގުރާމަ އަށް ގޮވާލާ ގުރުއާންގެ އާޔަތްތައް އޭނާ ކިޔަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް