ޖަޕާނަށް ނިސްބަތްވާ ޑައިމަންޑް ޕްރިންސަސް ކްރޫޒް ލައިނާގައި ތިބި މީހުންގެ ތެރެއިން10 މީހަކު ނުރައްކާތެރި ކޮރޯނާ ވައިރަސްއަށް ޕޮސިޓިވް ވެއްޖެ އެވެ.
އެ ކްރޫޒް ލައިނާއިން ދަތުރު ކުރި ހޮންގް ކޮންގް ގެ އުމުރުން80 އަހަރުގެ ފިރިހެނަކު ކޮރޯނާއަށް ޕޮސިޓިވް ވުމުން ޖަޕާން ސަރުކާރުން ނިންމާފައިވަނީ އެ ކްރޫޒް ލައިނާ ކަރަންޓީންކޮށް އޭގައި ތިބި މީހުން ބައްޔަށް ޓެސްޓު ކުރާށެވެ. އެ ކްރޫޒް ލައިނާގައި ޖުމްލަ3،711 މީހުން ތިއްބެވެ. އެއީ2،666 ގެސްޓުންނާއި1،045 ފަޅުވެރިންނެވެ.
ޕޮސިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ޖަޕާނުގެ ތިން މީހުން، ހޮންގް ކޮންގެ ތިން މީހުން، އޮސްޓްރޭލިއާގެ ދެ މީހުން އަދި އެމެރިކާ މީހަކާއި ފިލިޕީންސްގެ ފަޅުވެރިއެކެވެ. މި އެންމެން ބޯޓުން ބާލައި ޖަޕާންގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށް ދަނީ ފަރުވާދެމުންނެވެ.
ރިޕޯޓުތައް ބުނާގޮތުގައި ކްރޫޒްލައިނާގައި ދެން ތިބި އެންމެން ތިބީ ކެބިން ތަކުގައި14 ދުވަސްވަންދެން ކަރަންޓީން ކޮށްފައި އެވެ. އަދި އިތުރު މީހުން ޓެސްޓު ކުރަމުންދާއިރު މިހާރުވެސް އިތުރު އަށް މީހެއްގެ ގައިން ހުމުގެ އަސަރު ފެނިފައިވާ ކަމަށް ވެ އެވެ.
ޖަޕާނުގެ ހެލްތު މިނިސްޓްރީން ބުނީި ކްރޫޒް ލައިނާ އިން ޓެސްޓް ކުރަނީ ތިން ގްރޫޕެއް ކަމަށެވެ. އެއީ ވައިރަހުގެ އަލާމާތްތައް ފެންނަ މީހުންނާއި ހޮން ކޮންގަށް ފޭބި މީހުން އަދި ޕޮޒިޓިވްވި ޕަސިންޖަރާ އެކު އުޅުނު މީހުން ކަމަށެވެ.
މިހާތަނަށް ކޮރޯނާ ވައިރަސް ޖެހިފައިވާ23 މީހަކު ފެނިފަވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް