ބޭރުގެ މީހުންނަށް ދުއްތުރާ ކުރާނަމަ ހަރުކަށި ފިޔަވަޅު އަޅަންޖެހޭ: ޑރ. އިޔާޒް

ގައުމުން ބޭރުން އައިސްތިބޭ މެހްމާނުންނަށް ދުއްތުރާ ކުރުމަކީ ހަރާމް ކަމެއް ކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ އަހުމަދު އިޔާޒު ވިދާޅުވެއްޖެ...

06 Feb 2020 | 02:03

ގައުމުން ބޭރުން އައިސްތިބޭ މެހްމާނުންނަށް ދުއްތުރާ ކުރުމަކީ ހަރާމް ކަމެއް ކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ އަހުމަދު އިޔާޒު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ހުޅުމާލޭގައި ތިން ބިދޭސީ މީހަކަށް ތޫނުު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލީ ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތުގެ ރާއްޖޭ ގޮފިން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ރޭ ވީޑިއޯއެއް އާންމުވި ފަހުންނެވެ. އެ ހަމަލާގައި ޒަހަމްވި ޗައިނާ ދެ ފިރިހެނުންނާއި އޮސްޓްރޭލިއާ ފިރިހެން މީހާއަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދެމުންދާއިރު ހާލު އަންނަނީ ރަނގަޅުވަމުންނެވެ.

ޑރ އިޔާޒު ވިދާޅުވީ ގައުމަށް އައިސް ތިބޭ ބޭރު މީހުންނަށް ކަމޭ ހިތާ ހެޔޮކޮށް ކަންތައް ކޮށްދޭން ޖެހެ އެވެ. އެއްވެސް ގޮތަކުން އެމީހުންނަށް ދުއްތުރާލެއް ކުރުމަކީ ހަރާމްކަމެއް ކަމަށެވެ.

މީގެ އިތުރުން ވިދާޅުވެފައިވަނީ އެފަދަ ކަންތައް ކުރާ މީހުންނަށް ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

https://twitter.com/dr_iyaz/status/1225103060839497728

ސޯޝަލް މީޑީއާގައި އާންމު ކުރި އެ ވީޑިއޯގައި ފެންނަނީ މޫނު ނިވާކޮށްގެން ތިބި ތިން މީހުންނެވެ. ޖުއްބާލައިގެން ތިބި އެމީހުން ދިވެހި ބަހުން ވާހަކަދައްކާއިރު އިނގިރޭސި ތަރުޖަމާ ވީޑިއޯގެ ތިރިއަށް އަރަމުންދެ އެވެ.

އެ ވީޑިއޯގައި އިންޒާރު ދެމުން ބުނެފައިވަނީ އެ ހަމަލާގެ ޒިންމާ ނަގާކަމަށާއި ބޭރުގެ ކާފަރުންނަށް މިއީ ސުވަރުގެ ކަމަށް ތި ދައްކާ ދެއްކުން އަވާމެންދުރަކަށް ވެ، މި ގައުމުން އެ މީހުންނަށް އަލިފާނުގެ ރަހަ ލާން ފަށުވާނެ ކަމަށެވެ. ދެން ހުރި ހަމަލާތައް ދޭނެ ތަނަކާއި ވަގުތެއް ވެސް ނުވިސްނޭނެ ކަމަށް އެ ވީޑިއޯގައި ބުނެ އިންޒާރު ދީފަވެ އެވެ.

"އޭގެ ބަދަލެއްގެ ގޮތުން އަހަރެމެން ކަލޭމެންގެ ބަލި ފަޔަށް މި އެރީ. އަދި މި ޒަހަމްގެ މައްޗަށް އަންނަން އޮތީ އިތުރު ޒަހަމްތަކެއް،" އެ ވީޑިއޯގައި ވާހަކަދައްކާ މީހާ ބުނެފައިވެ އެވެ.

ރާއްޖޭގެ ވެރިންނަކީ މުރުތައްދު ވެފައިވާ ބައެއް ކަމަށް ތުހުމަތުކޮށް ބުނީ، ރައްޔިތުންނަށް އޮޅުވާލައި އެ މީހުންގެ އަނބިންނާއި ދަރިން އަތުލައިގެންފައި އަރާމުގައި ތިބެވޭނެ ކަމަށް ހީކޮށްގެން ތިބުމަކީ ކުށްހީއެއް ކަމަށެވެ. ޖަލަށް ދާން ޖެހިދާނެތީ ބިރުން ދީން "ވިއްކާލި" ޝެއިހުނަށް ދޭ އިންޒާރެއް ކަމަށް ބުނެ، ވީޑިއޯގައި ވާހަކަ ދެއްކި މީހާ ބުނެފައިވަނީ ހަދާ ދޮގުތަކުގެ ރައްދު ކައިރި ވެއްޖެ ކަމަށެވެ.

އެ އަށް ފަހު ހަނގުރާމަ އަށް ގޮވާލާ ގުރުއާންގެ އާޔަތްތައް އޭނާ ކިޔަ އެވެ.

މި ވީޑިއޯއަކީ ސައްހަ ވީޑިއޯއެއް ކަމަށް ދޭހަވާގޮތަށް ފުލުހުން ރޭ ބަޔާނެއް ނެރެފައިވާއިރު، އެ ވީޑިއޯ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް