ބިދޭސީ ތިން މީހަކަށް ހަމަލާދިނީ ހަރުކަށި ފިކުރުގެ ބައެއް ކަމަށް ތުހުމަތު ކުރެވޭ: ފުލުހުން

އަންގާރަ ދުވަހުގެރޭ އިރާކޮޅުގެ ވަގުތެއްގައި ހުޅުމާލޭގއި ބިދޭސީ ތިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދިނީ ހަރުކަށި ފިކުރަށް ނިސްބަތްވާ ބައެއްކަމުގައި ތުހުމަތު ކުރެވޭކަމަށް ފުލުހުންވެސް ބުނެފިއެވެ. ފުލުހ...

06 Feb 2020 | 01:50

އަންގާރަ ދުވަހުގެރޭ އިރާކޮޅުގެ ވަގުތެއްގައި ހުޅުމާލޭގއި ބިދޭސީ ތިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދިނީ ހަރުކަށި ފިކުރަށް ނިސްބަތްވާ ބައެއްކަމުގައި ތުހުމަތު ކުރެވޭކަމަށް ފުލުހުންވެސް ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިވާއިރު އެ ހަމަލާއަކީ އެމީހުން ދިން ހަމަލާއެއް ކަމަށްބުނާ ވީޑިއޯއެއް ވަނީ އާންމުވެފައެވެ.

ރޭ ދަންވަރު ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ފުލުހުން އަންނަނީ އެ ހަމަލާ ތަހުގީގު ކުރަމުން ކަމަށާއި ހަމަލާގައި އަނިޔާވި މީހުންގެ ހާލަތު ގާތުން ބަލަމުން އަންނަ ކަމަށެވެ.

"މި ހަމަލާއާއި ގުޅުންހުރި ކަމަށްބުނެ މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯ މެސެޖެއްގެ ސައްޚަކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރިއަށް އެބަގެންދަމެވެ." ފުލުހުންގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ހަމަލާގައި ޒަހަމްވި މީހުންގެ ހާލު ރަނގަޅު ކަމަށް ބަޔާންކޮށް ފުލުހުންގެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ މި މައްސަލައާއި ގުޅިގެން ކަމާ ގުޅުންހުރި މުއައްސަސާތަކާއެކު ފުލުހުން އަންނަނީ މަސައްކަތްތަކެއް ކުރަމުން ކަމަށާއި ދިވެހިންނާއި، ރާއްޖޭގައި އުޅެމުންދާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ފުލުހުން ކުރަމުންދާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ޝޯޝަލް މީޑިއާގައި ލީކް ކޮށްފައިވާ އެ ވީޑިއޯގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު، ބުނަނީ އެމީހުން އެ ހަމަލާގެ ޒިންމާ ނަގާކަމަށެވެ.

މިކަމާއި ގުޅުވައި ސޯސަލް މީޑީއާގައި އާންމުވެފައިވާ އެ ވީޑިއޯގައި އަލް މުސްތަގީމްގެ ނަމުގައި ވާހަކަދެއްކި ތިން މީހަކު ބުނެފައިވަނީ އެ ހަމަލާގެ ޒިންމާ އެމީހުން ނަގާ ކަމަށެވެ. އަދި އެފަދަ ހަމަލާތައް އިތުރަށްވެސް ދޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް